ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ތޯހާ އައްޔަން ކުރުމަށާއި ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މ. ފަށަލަ/ ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ސ. ހުޅުދޫ/ އަސާރީގެ، ޝިއުނީން ރަޝީދު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މި ތިން ބޭފުޅުން އެ ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިގެން ވަނީ ދިރާސާ ކޮށްފައެވެ.

އެކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައިވެސް ވަނީ އެ ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

އެހެންކަމުން އެ ތިން ބޭފުޅުންނަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުން އެ ތިން ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މީގެ ކުރިންވެސް ޑރ. ފަޒީލް ވަނީ އެކި ސަރުކާރުތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ހިމެނެއެވެ.

އޭގެ އިތުރުން އިނގިރޭސި ވިލާތުން އިންޓަނޭޝަނަލް ބިޒްނަސް ލޯ އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ޑރ. ފަޒީލް ވަނީ 1987 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައެވެ.

ޝިއުނީންވެސް މީގެ ކުރިން ވަނީ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވައިފައެވެ.

މުހައްމަދު ތޯހާ އަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީ ފެކަލްޓީ އޮފް ޝަރީއާ އިން ޑިގްރީ ހާސިލްލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯހާ މިހާރު ގެންދަވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ ގައި ޕީއެޗްޑީ ހައްދަވަމުންނެވެ.