ރެއާލް މެޑްރިޑަށް 36 ވަނަ ފަހަރަށް ލަލީގާގެ ތަށި ޔަގީން ވެއްޖެއެވެ.
މި ހަފުތާ މެޗުތަކަށް ނުކުތް އިރުވެސް ރެއާލް ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް އިރު، އެޓީމުން މިރޭ އަމިއްލަ ދަނޑުގައި ކާޑިޒް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާކީ ހަތަރު މެޗު އޮއްވައި ތަށި ޔަގީންކުރަން ރެއާލަށް މިރޭ ބޭނުންވީ ބާސެލޯނާއަށް ޕޮއިންޓް ގެއްލޭށެވެ. އެ އިންތިޒާރުގައި ރެއާލް އޮއްވައި، ފަހުވަގުތު ބާސާ ކޮޅަށް ޖިރޯނާއިން ޖެހި ގޯލުތަކާއެކު ބާސާ ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެން ބާސާއަށް ރެއާލް އަތެއް ނުވާނެއެވެ. އެހެންކަމުން ކާލޯ އެންޗެލޮޓީގެ ރެއާލަށް ވަނީ ލީގު ކަށަވަރުވެފައެވެ.
ރެއާލުން މިރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ ބްރަހީމް ޑިއާޒާއި ޖޫޑް ބެލިންހަމްގެ އިތުރުން ޖޮސެލޫއެވެ. މި ސީޒަނުގައި ރެއާލް މިހާތަނަށް ބަލިވީ ލީގުގެ އެންމެ މެޗަކުންނެވެ. އެހެންކަމުން އެޓީމަށް 99 ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު އަދި އެބައޮތެވެ.
މިއީ ރެއާލްގެ ކޯޗު އެންޗެލޮޓީއަށް ދެވަނަ ލަ ލީގާ ތަށްޓެވެ. އެންޗޮލޮޓީއަކީ ކްލަބު ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ސްޕެއިނާއި އިންގްލެންޑްގެ އިތުރުން ޖަރުމަނާއި ފްރާންސް އަދި އިޓަލީގައިވެސް ލީގު ކާމިޔާބުކޮށްފައެވެ.
ރެއާލަށް ތަށި ޔަގީންވެ މެޗުގައި ބާސާއިން މިރޭ ޖިރޯނާއާ ދެކޮޅަށް ނުކުތީ ކުޑަ އުންމީދެއް ހޯދުމަށެވެ. ފުރަތަމަ ހާފު ނިމުނު އިރު، 2-1 އިން ބާސާ އޮތީ ލީޑުގައެވެ. ފުރަތަމަ ހާފުގައި ބާސާގެ ގޯލުތައް ޖަހައިދިނީ އަންދްރޭއާސް ކްރިސްޓިއަންސަންއާއި ރޮބާޓް ލެވަންޑޯސްކީއެވެ. އެ ހާފުގައި ޖިރޯނާގެ ގޯލު ޖެހީ އާޓެމް ޑޮވިބީކެވެ.
ދެވަނަ ހާފަށް ނުކުމެ، 11 މިނެޓް ތެރޭގައި ޖިރޯނާއިން ތިން ގޯލު ޖަހައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީންކޮށް ބާސާ ބަލިކޮށްލިއެވެ. އެ ގޯލުތައް ޖެހީ ކްރިސްޓިއަން ޕޯޓޫއާއި މިގޭލް ގުރިއަރޭޒެވެ. ޕޯޓޫ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
އަންނަ ސީޒަން ވެގެންދާނީ ޖިރޯނާއިން ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ސީޒަނަށެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ