ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން މިއަހަރަށް ތާވަލުކޮށްފައިވާ މުބާރާތްތަކުގެ ތެރެއިން ތިން މުބާރާތެއް ރާއްޖޭގައި ހޯސްޓް ކުރަން ތާވަލުކޮށްފިއެވެ.
ކާވާއިން މިއަހަރުގެ ކަލަންޑަރު މިއަދު އިއުލާނު ކޮށްފައިވާ އިރު، އެންމެ އަވަހަށް އޮތް މުބާރާތަކީ މިމަހުގެ 11 އިން 17 އަށް ޕާކިސްތާނުގައި އޮތް ފިރިހެން ނޭޝަންސް ލީގެވެ. އޭގެފަހުން ޖޫން މަހުގެ ތެރޭގައި 18 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން މުބާރާތް އުޒްބެކިސްތާނުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، 20 އަހަރުން ދަށުގެ އަންހެން ވޮލީ މުބާރާތް ބާއްވަން ތާވަލު ކޮށްފައިވަނީ ރާއްޖޭގައެވެ. އެއީ ޖުލައި މަހުގެ 25 އިން 31 އަށެވެ.
އޭގެފަހުން އަންހެން ނޭޝަންސް ލީގު ނޭޕާލްގައި ބޭއްވުމަށް ކާވާއިން ތާވަލުކޮށްފައިވާ އިރު، ދެން ޖެހިގެން އޮތް ދެ މުބާރާތްވެސް ހޯސްޓް ކުރަން ނިންމާފައިވަނީ ރާއްޖޭގައެވެ. އެގޮތުން އަންހެން ޗެލެންޖް ކަޕް މިފަހަރުވެސް ރާއްޖޭގައި ބާއްވަން ވަނީ ނިންމާފައެވެ. އެއީ ސެޕްޓެމްބަރު ހަޔަކުން 12 އަށެވެ.
އެންމެފަހުން 2022 ވަނަ އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި ސެންޓްރަލް ޒޯން ސީނިއާ މެންސް އެންޑް ވިމެންސް ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވިފައެއް ނުވެއެވެ. އެއީ ވީއޭއެމްގެ ތެރެއިން ނިންމަން ޖެހުނު ކަންތައްތަކުގެ އިތުރުން ޔޫތު މިނިސްޓްރީން ނިންމަން ޖެހުނު ކަންތައްތަކެއްވެސް ނުވެގެންނެވެ.
އެފަހަރު ރާއްޖޭގައި އަންހެން ޗެލެންޖް ކަޕާއެކު ފިރިހެން ޗެލެންޖް ކަޕްވެސް ބާއްވާފައިވެއެވެ. އެހެން ނަމަވެސް މިފަހަރު ފިރިހެން ޗެލެންޖް ކަޕް ހޯސްޓް ކުރަން ނިންމާފައިވަނީ ބަންގްލަދޭޝްގައެވެ. އެއީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އަންހެން ޗެލެންޖް ކަޕަށްފަހު ދެން ރާއްޖޭގައި ބާއްވަން ކާވާއިން ނިންމާފައިވާ މުބާރާތަކީ ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތެވެ. އެ މުބާރާތް އޮންނާނީ ޗެލެންޖް ކަޕަށްފަހު ސެޕްޓެމްބަރު 14 އިން 20 އަށެވެ. ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގެ ފިރިހެން މުބާރާތް ނޭޕާލްގައި އޮންނާނީ ޑިސެމްބަރު މަހުގައެވެ. މިއަހަރު ލަންކާގައި ކާވާއިން ބާއްވާ މުބާރާތަކީ 20 އަހަރުން ދަށުގެ ފިރިހެން މުބާރާތެވެ. އެ މުބާރާތް އޮތީ އޮކްޓޯބަރު މަހުއެވެ.
ކާވާގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ލަތީފް އިންތިހާބު ކޮށްފައިވަނީ މިއަހަރު ފެބްރުއަރީ މަހުގައެވެ. ލަތީފް ވީއޭއެމްއާ ދާދިފަހުން ހަވާލުވެ، އޭނާ ދަނީ އެ އިދާރާގެ މަސައްކަތްތަކެއްވެސް މިހާރު ކުރައްވަމުންނެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް