އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލަންޑަން ޑާބީގައި ޗެލްސީން ޓޮޓެންހަމް ބަލިކޮށްފިއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ތިން ޕޮއިންޓާއެކު ޗެލްސީ ލީގު ތާވަލުގެ އަށްވަނައިގައި މިވަގުތު އޮތީ 34 މެޗުން 51 ޕޮއިންޓާއެކުގައެވެ. ޔޫއެފާ ކޮންފަރެންސް ލީގުގެ ފުރުސަތު ލިބޭ ހަތްވަނައިގައި މިވަގުތު އޮތް ނިއުކާސަލްއަށް 34 މެޗުން 53 ޕޮއިންޓް ލިބިފައިވާ އިރު، ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައި ވަނީ 34 މެޗުން 54 ޕޮއިންޓެވެ.

ރޭގެ މެޗުން ބަލިވި ޓޮޓެންހަމްއަށް ގަދަ ހަތަރެއްގެ އުންމީދު ފަނޑުވެފައިވާ އިރު، އެޓީމު މިވަގުތު ފަސްވަނައިގައި އޮތީ 34 މެޗުން 60 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމްއިން ވާދަކުރަމުންދާ ހަތަރުވަނަ މަގާމުގައި އެސްޓަން ވިލާ އޮތީ 35 މެޗުން 67 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗު ޗެލްސީން ފެށީވެސް ވަރުގަދަ ކޮށެވެ. އެޓީމުގެ ފަރާތުން އެޓޭކިން ގިނަ ހަމަލާތަކެއް މެޗުގެ ކުރީކޮޅުގައިވެސް ފެނިގެން ގޮސްފައިވާ އިރު، ނިކޮލަސް ޖެކްސަންއާއި މިހައިލޯ މުޑްރީކަށް ލިބުނު ފުރުސަތުތައް ގޯލަކަށް ބަދަލެއް ނުކޮށްލެވުނެވެ.

ޗެލްސީން މެޗުގެ 24 ވަނަ މިނެޓުގައި ލީޑު ނެގި އިރު، ކޯނޯ ގަލެގާގެ ހިލޭ ޖެހުމުން އެ ގޯލު ޖެހީ ޓްރެވާ ޗަލޯބާއެވެ. އެ ގޯލާއެކު ޗެލްސީން ލީޑުގައި ހާފު ނިންމާލި އިރު، ދެވަނަ ހާފުގައިވެސް ވަރުގަދަކޮށް ފެނުނީ ޗެލްސީންނެވެ. ދެވަނަ ހާފުގައިވެސް ޗެލްސީގެ އެޓޭކުން ނުރައްކާ ބޮޑުކުރި އިރު، އެޓީމުން ލީޑު ފުޅާކުރީ ޖެކްސަން ޖެހި ގޯލުންނެވެ.

ޖެކްސަން ގޯލު ޖެހީ ކޯލް ޕާމާ ޖެހި ހިތްގައިމު ހިލޭ ޖެހުމެއް ދަނޑީގައި ޖެހިފައި ނުކުތް ގަޑީ، ރީބައުންސް ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެންނެވެ.