ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑުން ޕީއެސްޖީން ބަލިކޮށްފިއެވެ.

ރޭ ޖަރުމަނުގެ ޑޯޓުމަންޑް ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ޕީއެސްޖީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އަންނަ ހަފުތާ ކުޅޭ ސެމީ ފައިނަލް ދެވަނަ ލެގު، ޕީއެސްޖީ ދަނޑުގައި އޮންނަ އިރު، މިހާރު އޮތް ނަތީޖާގައި ފައިދާ ބޮޑީ ޑޯޓުމަންޑަށެވެ.

ރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޑޯޓްމަންޑުން ވަނީ ފުރަތަމަ ނުރައްކާތެރި ހަމަލާގައި ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނިޓްގައި އެޓީމަށް ލީޑު ނަގައިދިނީ ޖަރުމަނުގެ ފޯވާޑް ނިކްލަސް ފުލްކްރޫގެވެ.

ޕީއެސްޖީގެ ޑިފެންސް ތެރެއިން ދެމިގަނެ، ކުރިއަށް އެއްލި ބޯޅައެއް ރަނގަޅަށް ކޮންޓްރޯލް ކޮށްލުމަށްފަހު، ފުލްކްރޫގް ވަނީ ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮންނަރުންމާ އަތް ދަށުން ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޕީއެސްޖީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި، ކިލިއަން އެމްބާޕޭއާއި އަޝްރަފް ހަކީމީ ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ޑޯޓްމަންޑްގެ ކީޕަރު ގްރެގޯ ކޯބެލް އަތަށެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑް އެޓޭކުގައި ޖޯޑަން ސަންޗޯ ވަނީ މުހިއްމު ކުޅުމެއް ދައްކައިފައެވެ. އޭނާ މިވަގުތު ޑޯޓުމަންޑްގައި ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ލޯނެއްގައެވެ.