އިޒްރޭލުގެ އަނިޔާވެރި އިސްތިއުމާރުގެ ވަކިތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ޒަމާންވީ ވޭންތަކާމެދު ހުޅަނގުގެ ގައުމުތަކުގައި މިހާތަނަށް މާބޮޑު އަޅާލުމެއް ނެތެވެ. ފަލަސްތީނުގެ ރައްޔިތުންގެ ޖިހާދުގެ ވާހަކަތައް އަބަދު އިވެއެވެ. ޓީވީ ރޭޑިއޯތަކުންނެވެ. ނޫސްތަކުންނެވެ. އެ އަޑު އިވުނަސް އެކަމާމެދު މިހާތަނަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ވިސްނަން ބޭނުންނުވާތީއެވެ. ދެނެގަންނަން ބޭނުންނުވާތީއެވެ. އިޒްރޭލުގެ ޕްރޮޕަގެންޑާގެ އަވައިގައިޖެހި ހަގީގަތް އޮޅިފައިވާތީއެވެ. އެހެންނަމަވެސް ފާއިތުވީ ހަމަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންދާ ޖަރީމާތައް ފެނިފައި ހުޅަނގުގެ ވަރަށް ގިނަބައެއްގެ ޟަމީރު ހޭލައިފިއެވެ. އަނިޔާކުރަނީ ކޮންބައެއްކަމާއި އަނިޔާ ލިބެމުންދަނީ ކޮންބަޔަކަށްކަން ރޭކާލާން ފަށައިފިއެވެ. ހުޅަނގުގެ ގައުމުތައްވެސް ހިމެނޭގޮތުން މުޅިދުނިޔެއަށް ގާޒާގެ މަންޒަރުތައް ދެއްކުމުގައި އަވަދިނެތި އެތިބީ ގަތަރުގެ އައްޖަޒީރާ ޓީވީފަދަ ތަންތަނެވެ.
ހަނގުރާމައިގެ މައިދާނުން ވާހަކަތައް ކިޔައިދީ ރިޕޯޓް ކުރަމުންދަނީ ސީދާ ފަލަސްތީނުގެ ރައްޔިތުންނެވެ. ފަލަސްތީނުގެ ނޫސްވެރިންނެވެ. މިޒަމާނުގެ އެކި ވަސީލަތްތަކުގެ ބޭނުން ހިފައިގެން މައުލޫމާތު ހިއްސާކުރަމުންދަނީ ފަލަސްތީނުގެ ރައްޔިތުންނެވެ. ބީބީސީއާއި ސީއެންއެން ކަހަލަ ހުޅަނގުގެ މީޑިއާ އޮގަނައިޒޭޝަންތަކުން ހަގީގަތަށް ފަސްއަޅައި ފޮރުވައި ޚަބަރުތައް ފިލްޓަރުކުރާން އުޅުނަސް އެކަމެއް ނުވެއެވެ. ވާތަނެއް ނުފެނެއެވެ. ހުރިހާ ޝުކުރެއް ފަލަސްތީނުގެ ހިތްވަރުގަދަ ރައްޔިތުންނާއި ޖަޒީރާ ޓީވީއަށެވެ. ކޮންމެއަކަސް މިހާރު މެދުއިރުމަތީގެ ހަގީގީ މަންޒަރު ހުޅަނގުގެ މީސްތަކުންނަށް ފެންނާން ފެށީމާ އިޒްރޭލާމެދު އެމީހުން ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މިދެންނެވީ އާއްމުންގެ ވާހަކައެވެ. އެންމެފަހުގެ ޚިޔާލު އެެއްކުރުންތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތުގެ އާއްމުންގެ ތެރެއިން 57 އިންސައްތަ މިހާރު ބޭނުންވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުމާއި ދިނުން މުޅިން ހުއްޓައިލުމަށެވެ. މި އަދަދަކީ މީގެ އަހަރެއް ކުރިން ހިތަށްވެސް ގެނެވިފައިވާ އަދަދެއް ނޫނެވެ.
އިނގިރޭސިވިލާތަކީ އިޒްރޭލަށް އެންމެ ގިނައިން ހަތިޔާރުދޭ އެއްގައުމެވެ. އިނގިރޭސި ރައްޔިތުންގެ މިހާ ތަނަވަސް އަޣުލަބިއްޔަތަކުން އިޒްރޭލަށް ހަތިޔާރު ނުދޭށޭ އެބުނަނީ ކީއްވެގެން ބާވައެވެ. އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދިޔަ ސާރވޭތަކުން ދައްކާގޮތުގައި އިނގިރޭސި ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހެއްގެ ތެރެއިން ދެ މީހަކު ގަބޫލުކުރަނީ އިޒްރޭލަކީ އަނިޔާވެރި ދައުލަތެއް ކަމުގައެވެ. އިންސާނީ ހައްގުތަކަށް ހުރުމަތެއް ނުބަހައްޓައި ޖަރީމާތައް ހިންގާ ގައުމެއް ކަމުގައެވެ. އިޒްރޭލަށް އެންމެ ބޮޑަށް މަދަދުކުރާ ގައުމަކީ އެމެރިކާއެވެ. އެކަމަކު އެމެރިކާގައިވެސް އާއްމުންގެ ހޭލުންތެރިކަން އިތުރުވެ އިޒްރޭލާ ދެކޮޅުހެދުން އަންނަނީ ގިނަވަމުން ފުޅާވަމުންނެވެ. ހުސްވި އަހަރުގެ އޮކްޓޫބަރު މަހު އެމެރިކާގައި އެއްކުރެވުނު ޚިޔާލު ހޯދުމެއްގައި 47 އިންސައްތަ މީހުން ބުނެފައިވަނީ އިޒްރޭލަށް މެދުނުކެނޑި ހަތިޔާރުދޭން ފެންނަ ކަމުގައެވެ. އެކަމަކު މިހާރު އެއީ ފެންނަކަމެއް ކަމަށް ބުނަނީ އެންމެ 32 އިންސައްތަ މީހުންނެވެ.
ހަމައެކަނި އިނގިރޭސިވިލާތާއި އެމެރިކާއެއް ނޫނެވެ. ޖަރުމަންވިލާތާއި ފްރާންސާއި އިޓަލީގައިވެސް އާއްމުންގެ ވިސްނުން މިހާރުހުރީ މިގޮތަށެވެ. އެކަމަކު ހިތާމަޔަކީ އާއްމުންގެ ވިސްނުމާއި ފިކުރަަށް ދީލައިލުމުގެ ވިސްނުން ސިޔާސީ ފަރާތްތަކުން ނުގެންގުޅުމެވެ. އެ ގައުމުތަކުގެ ސަރުކާރުތައް އެތިބީ އަދިވެސް އިޒްރޭލުގެ ދަޅައިގެ ތެރޭގައެވެ. މި އަހަރަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އިންތިޚާބު ބާއްވާ އަހަރެވެ. ޑިމޮކްރަޓިކް ގައުމުތަކުގެ ތެރެއިން ވަރަށް ގިނަ ގައުމުތަކުގައި މިއަހަރު އިންތިޚާބު ބާއްވައެވެ. އެމެރިކާވެސް ހިމެނޭގޮތުންނެވެ. އިނގިރޭސިވިލާތްވެސް ހިމެނޭގޮތުންނެވެ. އިނގިރޭސިވިލާތުގެ އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ފެންނަނީ ލޭބާ ޕާޓީއެވެ. ލޭބާ ޕާޓީއަކީ މިކަމުގައި ރައްޔިތުންގެ ވިސްނުމަށް ހިސާބަކަށް ރިއާޔަތްކުރާ ޕާޓީއެކެވެ. އެވަރުވެސް ނުކުރަނީ ބޮޑުވަޒީރު ރިޝީ ސުނާކުގެ ކޮންޒަވެޓިވް ޕާޓީންނެވެ. އެމެރިކާގައި ކޮންމެ މީހަކު ވެރިކަމަށް އަޔަސް އިޒްރޭލު ދޫކޮށެއް ނުލާނެއެވެ. ބައިޑެންކަމަށްވިޔަސް އަދި ޓްރަމްޕު ކަމަށްވިޔަސްމެއެވެ. އެކަމަކު ގާނޫނު ހަދާ މަޖިލީހަށް ހޮވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލާ މީހުން ގިނަވާނެ ކަމަށް ގަބޫލު ކުރެވެއެވެ.
ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ހުޅަނގުގެ ގައުމުތަކުގެ އާއްމުންނަށް މީގެކުރިން އޮތީ ފަރުދާކުރެވިފައެވެ. އެކަމުގެ ފައިދާ ނަގައިގެން އެ ގައުމުތަކުގެ ސަރުކާރުތަކުން ގެންދިޔައީ އިޒްރޭލަށް ހުއްޓުމެއްނެތި މަދަދު ކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން މަރައި ގެދޮރު ފޭރުމަށް ހިތްވަރުދެމުންނެވެ. ގާޒާގެ ހަނގުރާމައިގެ ސަބަބުން މިކަމަށް ނިމުމެއް އަތުވެއްޖެއެވެ. ހުޅަނގުގެ ރައްޔިތުންގެ ލޯތައް ހުޅުވައިފިއެވެ. ހަގީގަތް ފޮރުވުމަށް އެގައުމުތަކުގެ ސަރުކާރުތަކުން ހަދަމުންއައި ދޮގުތަކާއި ހުޅަނގުގެ މީޑިއާއިން ފަތުރަމުން އައި ވާހަކަތަކުގެ ނުބައިކަމާއި ދޮގުކަން ފަޅާއަރައިފިއެވެ. ގާޒާގައި އިޒްރޭލުން ހިންގަމުންދަނީ ގަތުލުއާއްމެއް ކަމާއި ދުނިޔޭގެ ގާނޫނަކަށް ހަމަޔަކަށް އުސޫލަކަށް ތަބާވުމެއްނެތްކަން ހާމަވެ އެނގިއްޖެއެވެ. ކުޑަކުއްޖެއް، އަންހެނެއް، މާބަނޑުމީހެއް، މުސްކުޅިއެއް، ޒުވާނެއް ނުބަލައި އިޒްރޭލުގެ ކަމަކީ މީހުން މެރުންކަން ކަށަވަރުވެއްޖެއެވެ.
އިންސާނުންނަކީ ދިމާކުރިމަތިން ހަގީގަތް ފާޅުވީމާ ދެން ވިސްނުން ބަދަލުވާ ބައެކެވެ. ގާޒާގައި ތަމްސީލުވަމުން އެދަނީ އިޒްރޭލުގެ ހަގީގަތެވެ. އަސްލު ސިފައެވެ. ކުށެއްނެތް އާއްމުން މެރުމަކީ ކުށެއްކަން އެންމެންވެސް ގަބޫލުކުރެއެވެ. ގާޒާގައި އިޒްރޭލް ސިފައިން ކުރަމުންގެންދާ ކަމަކީ ފަލަސްތީނުގެ ރައްޔިތުން މެރުންކަން އެންމެނަށްވެސް އެދަނީ ފެންނަމުންނެވެ. އެހެންވީމާ ހުޅަނގުގެ ރައްޔިތުންގެ ކުރިމަތީގައި ދެމިފައިއޮތް ފަރުދާ ކަޝުފުވެ ފަލަސްތީނުގެ ރައްޔިތުން ޒަމާނުއްސުރެ ތަހައްމަލް ކުރަމުންގެންދާ ހިތްދަތިކަން މިހާރު އެވަނީ ފާޅުވެ އެނގިފައެވެ. ނަތީޖާއަކީ ކޮބައިތޯއެވެ. ނަތީޖާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީވުމާއެކު އިޒްރޭލު ކުށްވެރިކޮށް އަޑު އުފުލުން ހުޅަނގުގެ ގައުމުތަކުގައިވެސް އިތުރުވުމެވެ. އިތުރުވަމުން ދިއުމެވެ. ހުޅަނގުގެ ގައުމުތަކުން އިޒްރޭލަށް ދޭ އެހީތެރިކަން ހުއްޓާލައި ފަލަސްތީނުގެ ރައްޔިތުން މި ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއިން ނެރުމަށް އެމީހުން މިހާރު ބާރުއަޅައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް