ރާއްޖެ ޓީވީ އަދި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކީ ސާމާސާއެއް ކަމަށް ނުބަލައި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

ރާއްޖެ ޓީވީއަށް އިންޒާރުދިން ސޯޝަލް މީޑިއާ އެކައުންޓުން ބުނެފައިވަނީ ރާއްޖޭ ޓީވީގެ ދުވަސް "ދުއްވާލާނެ" ކަމަށާއި ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށެވެ. އަދި މިފަހަރު ރާއްޖެ ޓީވީއަށް "ހޭއަރުވާލާނެ" ކަމަށެވެ. އެ އިންޒާރު ދީފައިވަނީ ކާކުކަން ނޭނގޭ ފޭސްބުކް އެކައުންޓަކުންނެވެ.

ޗެނަލް 13 އަށް އިންޒާރު ދީފައިވަނީ، ރާއްޖެ ޓީވީއަށް އިންޒާރު ދިން ހަބަރު ކަވަރުކުރުމާ ގުޅިގެންނެވެ. ޗެނަލް 13 އަށް އިންޒާރުދިން އެކައުންޓުން ބުނީ ރާއްޖެ ޓީވީއަށްވުރެ ކުރިން ހުޅުޖަހާނީ ޗެނަލް 13 ގައި ކަމަށެވެ.

ފުލުހުން މިހާރު ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.

އެ ދެ ޓީވީ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ކުށްވެރިކޮށް އެމްޖޭއޭ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ އިންޒާރުތައް ނޫސްވެރިންނާއި މީޑިއާތަކަށް ލިބުމަކީ ނޫސްވެރިން މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއެޅި، މުޅި ނޫސްވެރިކަމަށް ވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެމްޖޭއޭ އިން ބުނީ ރާއްޖެ ޓީވީއަށާއި ޗެނަލް 13 އަށް އިންޒާރު ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

"މިހާތަނަށް މި ޖަމިއްޔާ އިން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ދެ އިންޒާރުވެސް ދީފައިވަނީ ޝޯޝަލް މީޑިއާގައި ކާކުކަން ނެނގޭ ގޮތަށް ހަރަކާތްތެރިވަމުން އަންނަ ވަގު އެކައުންޓަކުންނެވެ. ނަމަވެސް މިއީ، ސަަމާސާއެއް ކަމަށް ނުބަލައި، ސީރިއަަސް މައްސަލައެއްގެ ގޮތުގައި ނަގައި، އެމްޖޭއޭ އިން އިދާރާތަކަށް ގޮވާލަނީ، މިކަން ކުރި ބަޔަކު ހޯދައި، މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގު ކުރުމަށް،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ ކަމާބެހޭ މުއައްސަސާތަކުން އެފަދަ އިންޒާރުތައް ނުބަލައި ދޫކޮށްލުމަކީ، ނޫސްވެރިންނާއި މީޑީއާތަކަށް އިންޒާރުދިނުން އާންމު ކަމަކަށްވެ، އެފަދަ ކަންކަން ކުރާ މީހުންނަށް ދެވިގެންދާނެ ހިތްވަރެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ނޫސްވެރިން މަސައްކަތް ކުރަން އޮތް މާހައުލަކީ ނުރައްކާތެރި، ބިރުވެރިކަމަކަށް ހުށަހެޅިފައިވާ މާހައުލަކަށް ބަދަލުވުންކަން ކަންބޮޑުވުމާއެކު ފާޅުކުރާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

މީގެ ކުރިންވެސް މިފަދަ އިންޒާރުތަކެއް ދިނުމަށްފަހު ރާއްޖޭގެ ޓީވީ ސްޓޭޝަންތަކަށް ގެއްލުންތައް ދީފައިވާ ކަމަށާއި 2013 ވަނަ އަހަރު ރާއްޖޭ ޓީވީގައި ރޯކޮށްލީ ވެސް އެފަދަ އިންޒާރުތަކަކަށްފަހު ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެހެންކަމުން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދުރާލާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ނޫސްވެރިންނާއި މީޑިއާތަކަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ގޮވާލާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

މީޑިއާތަކަށް އިންޒާރު ދެމުންދާ މައްސަލަ ސަރުކާރުން ވެސް މިރޭ ވަނީ ކުށްވެރިކޮށްފައެވެ. ސަރުކާރުން ބުނީ މީޑިއާތަކަށް އިންޒާރު ދެމުންދާ މީހުން ދެނެގަތުމަށް ފުލުހުންގެ ހުރިހާ ވަސީލަތަކާއި ގާބިލުކަމެއް ބޭނުން ކުރާނެ ކަމަށެވެ.