ރާއްޖެ ޓީވީ އާއި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ރައީސް އޮފީހުން ކުށްވެރިކޮށްފިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ ރާއްޖެ ޓީވީ އާއި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ ފޭކު ސޯޝަލް މީޑިއާ އެކައުންޓުތަކަކުންނެވެ. ޓީވީ ސްޓޭޝަންތަކަށް އިންޒާރުދިން މައްސަލަ ފުލުހުން މިހާރު ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފައެވެ.
ރައީސް އޮފީހުން މިރޭ ބުނީ މީޑިއާތަކަށް އިންޒާރު ދެމުންދާ މީހުން ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާއި ގާބިލުކަމެއް ބޭނުންކުރާނެ ކަމަށެވެ.
"ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި އަމަލު ކުށްވެރިކުރަމެވެ. އަދި ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވަމެވެ،" ރައީސް އޮފީހުން ބުންޏެވެ.
މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާނަމަ، ގައުމީ މަސްލަހަތު އިސްކުރުމުގެ ޒިންމާ އަދާކޮށް އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ނޫސްވެރީންގެ އަޑުއަހައި މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި ޒިންމާދާރުކަމާ އެކު ހަބަރާއި މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ނޫސްވެރިންނަށާއި މީޑިއާތަކަށް ބިރުދައްކައި، ގައުމުގެ އަމަނަށް ނުރައްކާވާނެ ގޮތަށް ކުރާ ކޮންމެ ކަމެއް ހުއްޓުވައި، ދިވެހި މުޖުތަމައުގެ މަސަލަސްކަމާއި ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުން ރެއާއި ދުވާލު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު