ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ގާލްސް ޓު ކޯޑް" ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން ކުދިން 28 މެއި 2024 ގެ ކުރިން އޮންލައިން ފޯމު https://bit.ly/4aMNRqp މެދުވެރިކޮށް ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށެވެ. އަދި ޕްރޮގްރާމްގެ ކްލާސްތައް ކުރިއަށް ދާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށާއި އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ މިޑްލް އަދި ސެކަންޑަރީ ސްކޫލް ލެވެލްގެ އަންހެން ކުދިންނަށް ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެ ކަމަށް ދިރާގުން ބުންޏެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯޑިންގެ މައުލޫމާތު ނެތް ބައިވެރިންނަށް އިސްކަން ދޭނެ ކަމަށް ދިރާގުން ބުންޏެވެ.

"ގާލްސް ޓު ކޯޑް" މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ "އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" އާ ދިމާކޮށް، އެކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ދިރާގުން ބުންޏެވެ.

"ގާލްސް ޓު ކޯޑް" ޕްރޮގްރާމަކީ ދިރާގާއި ވިމެން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ މަގުސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ކޯޑިން އާއި ޑިޖިޓަލް ހުނަރުތައް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި އެކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް އެ ޕްރޮގްރާމުގެ މަގުސަދެއް ކަމަށް ދިރާގުން ބުންޏެވެ.

އެ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ކޯޑިންގެ އިލްމާއި އެ އިލްމު ބޭނުންކުރާނެ ގޮތުގެ އިތުރުން ވެބްޕޭޖް އަދި މިނީ ގޭމްސް ފަދަ ތަފާތު ޓެކްނޮލޮޖީ ހައްލުތައް ފަރުމާކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މިއީ "ގާލްސް ޓު ކޯޑް" ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. އެ ޕްރޮގްރާމް ފުރަތަމަ ބާއްވާފައިވަނީ 2019 ގައި ފުވައްމުލަކު ސިޓީގައެވެ. ދެވަނަ ޕްރޮގްރާމް ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ އިރު، ތިންވަނަ ޕްރޮގްރާމާއި ހަތަރުވަނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ އަދި ލާމު އަތޮޅުގައެވެ.