މިހާރު އޮތް ސްކޮޑް އެއްކޮށް ކަހަލަ ގޮތަކަށް ވިއްކާލަން މެންޗެސްޓާ ޔުނައިޓެޑުން ތައްޔާރު ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
ސާ ޖިމް ރެޓްކްލިފް ޔުނައިޓެޑްގެ ހިއްސާ ގަނެ، ފުޓްބޯޅައިގެ ހުރިހާ މަސައްކަތްތަކެއްގެ ކޮންޓްރޯލް ހޯދާފައިވާ އިރު، އެ ކްލަބުން އަންނަ ސީޒަނަށް ތައްޔާރުވާނީ އޭނާގެ ޓެކްނިކަލް ޓީމުގެ އިރުޝާދުގެ ދަށުންނެވެ. އެ މަސައްކަތް މިހާރުވެސް ފަށާފައިވާ އިރު، "ބީބީސީ ސްޕޯޓްސް" އިން ބުނެފައިވަނީ ސްކޮޑު އެއްކޮށް ކަހަލަ ގޮތަކަށް ވިއްކާލަންވެސް ޔުނައިޓެޑް ތައްޔާރު ކަމަށެވެ. އެގޮތުން ޔުނައިޓެޑްގެ މުސްތަގުބަލަށް އެ ޓީމުން މަޑުކުރުވަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓް ވަރަށް މަދެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑުން މަޑުކުރުވަން ބޭނުންވާ ހަމައެކަނި ކުޅުންތެރިންނަކީ ޒުވާން ބައެއް ކުޅުންތެރިން ކަމަށްވާ ފޯވަޑް ރަސްމުސް ހޮއިލުންޑާއި މިޑްފީލްޑަރު ކޯބީ މައިނޫގެ އިތުރުން އެލެހާންޑްރޯ ގާނާޗޯ އެކަންޏެވެ. އެހެން ހުރިހާ ކުޅުންތެރިންނަށް އަންނަ ހުށަހެޅުންތަކުގެ އަޑުއަހަންވެސް ޔުނައިޓެޑް ތައްޔާރު ކަމަށް ނޫސްތައް ބުނެއެވެ.
އޭގެ ތެރޭގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އާއި މިދިޔަ ސީޒަނަށް ގެންދިޔަ ގޯލްކީޕަރު އަންދްރޭ އޮނާނާގެ އިތުރުން މާކަސް ރަޝްފޯޑާއި ޑިއޯގޯ ޑަލޮޓްވެސް ހިމެނެއެވެ. ޑަލޮޓް މި ސީޒަނުގެ ކުރިން ޔުނައިޓެޑްގެ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކުރަން ނިންމާފައިވާ އިރު، އެ ނިންމުމަށްވެސް ޔުނައިޓެޑުން މާބޮޑަށް ނުބަލާނެ ކަމަށް ބެލެވެއެވެ.
މި ހަފުތާ ތެރޭގައި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު، އެ ކްލަބުގެ އާ ޓެކްނިކަލް ޑިރެކްޓަރު ޖޭސޮން ވިލޮކާ ބައްދަލުކުރަން ނިންމާފައިވާ އިރު، ކުޅުންތެރިން ވިއްކުމުގައި ސާފު ފައިދާ ހޯދޭނެ ގޮތެއް ހޯދަން މަޝްވަރާ ކުރާނެ ކަމަށް އޮތީ ބެލެވިފައެވެ. އެއީ މީގެ ކުރިންވެސް ޔުނައިޓެޑަށް ކުޅުންތެރިން ވިއްކައިގެން މާބޮޑު ފައިދާއެއް ނުހޯދި އޮތުމުންނާއި ޕްރިމިއާ ލީގުގައި މިހާރު އަމަލުކުރަމުން އަންނަ ޕްރޮފިޓް އެންޑް ސަސްޓެއިނެބިލިޓީ އުސޫލުތަކަށް ތަބާވުމަށް މަގުކޮށުމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި، މި ސީޒަން ނިމުމާއެކު ހިލޭ ޓްރާންސްފާތަކުގައި ވެސް ބައެއް ކުޅުންތެރިން ޔުނައިޓެޑް ދޫކޮށްލާނެއެވެ. އޭގެ ތެރޭގައި އެއްބަސްވުންތައް ހަމަވާން ގާތްވެފައިވާ ކުޅުންތެރިން ކަމަށްވާ އެންތަނީ މާޝިއަލްއާއި ޑިފެންޑަރު ރަފޭލް ވަރާން ހިމެނެއެވެ. އަދި މި ސީޒަނަށްފަހު ސުފިޔާން އަމްރަބަޓް އަނބުރާ ފިއޮރެންޓީނާއަށް ފޮނުވާލަންވެސް ޔުނައިޓެޑުން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އޭގެ އިތުރުން މިހާރު ލޯނުގައި ތިބި މޭސަން ގްރީންވުޑާއި ޖޭޑަން ސަންޗޯވެސް މި ސީޒަނަށްފަހު ދާއިމީކޮށް ޔުނައިޓެޑް ދޫކޮށްދާނެ ކަމަށް ބެލެވެއެވެ. ސަންޗޯއާއި ކޯޗު ޓެން ހާގާ ދެމެދު ދެބަސްވުންތަކެއް އުފެދި، މާފަށް އެދެން ބުނެފައިވީ ނަމަވެސް، ސަންޗޯ އަދިވެސް މާފަށް އެދިފައެއް ނުވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް