ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވެލެންސިއާ ބަލިކޮށްފިއެވެ.

ލީގު ރޭހުގައި މާބޮޑު އުންމީދެއް ނެތް ބާސާ އިން ރޭ ވެލެންސިއާ ކައިރިން ކުރި ހޯދީ 4-2ގެ ނަތީޖާ އަކުންނެވެ. ބާސާއާއި އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށްވެސް ލީގުގައި ބާކީ ފަސް މެޗު އޮތްއިރު، މި ވަގުތު ރެއާލް އެއްވަނައިގައި އޮތީ 11 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. އެއީ 33 މެޗުން 84 ޕޮއިންޓް ހޯދައިގެންނެވެ. ބާސާ ދެވަނައިގައި އޮތީ 33 މެޗުން 73 ޕޮއިންޓާއެކުގައެވެ.

ރޭގެ ބައްޔާއެކު ވެލެންސިއާ އިން ޔޫރަޕްގެ ޖާގައަކަށް ކުރަމުން އަންނަ މަސައްކަތަށްވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. އެ ޓީމުން މި ވަގުތު އަށްވަނައިގައި އޮތީ 33 މެޗުން 47 ޕޮއިންޓާ އެކުގައެވެ. ވެލެންސިއާގެ މަތިން ރެއާލް ބެޓިސް، 33 މެޗުން 49 ޕޮއިންޓާއެކު ހަތްވަނައިގައި އޮތް އިރު، ރެއާލް ސޮސިއެދާދު ހަވަނައިގައި އޮތީ 33 މެޗުން 51 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ބާސާގެ ފާމިން ލޮޕޭޒް ގޯލު ޖަހައި، އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، އެ ލީޑު މާގިނައިރު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ހާފު ނިމުމުގެ ކުރިން ވެލެންސިއާ އިން މެޗުގެ ނަތީޖާ އަނބުރާލިއެވެ. ހޫޑޯ ޑޫރޯ ޖެހި ގޯލުން މެޗު އެއްވަރުކޮށް، ވެލެންސިއާ އިން ލީޑު ނެގީ ޕެޕެލޫ ޖެހި ޕެނަލްޓީންނެވެ.

ވެލެންސިއާ އިން މެޗުގެ ނަތީޖާ ހިފަހައްޓަން ކުރި މަސައްކަތަށް އެންމެ ބޮޑު މާޔޫސްކަމެއް ލިބުނީ ހާފު ނިމިނިމި އޮއްވާ އެ ޓީމުގެ ގޯލްކީޕަރު ޖިއޯޖީ މަމާޑާޝްވިލީއަށް ދެއްކި ރަތް ކާޑާއެކުގައެވެ. ކުޅުންތެރިޔަކު މަދުކޮށް ދެވަނަ ހާފަށް ނުކުތް ވެލެންސިއާ އަށް ބާސާ ހިފަހައްޓާލުންވީ އުނދަގޫ ކަމަކަށެވެ.

ލެވަންޑޯސްކީ މި ސީޒަނުގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް، ބާސާ މޮޅުކޮށްދިނެވެ. 35 އަހަރުގެ ޕޮލެންޑް ފޯވަޑް ލެވަންޑޯސްކީ މި ސީޒަނަށްފަހު ބާސާ ދޫކޮށްލާނެ ކަމަށް ވާހަކަ ދެކެވެމުންދާ އިރު، އޭނާގެ ކުރިމަގާމެދު އަދި ރަސްމީ އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވެއެވެ.