އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި އެވަޓަން ކައިރިން ބަލިވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފިއެވެ.
އެވަޓަން ދަނޑުގައި ރޭ ކުޅުނު މާސީ ސައިޑް ޑާބީ މެޗުގައި އެޓީމުން ވަރުގަދަ ލިވަޕޫލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު އެވަޓަން ރެލިގޭޝަނުން ސަލާމަތްވުމަށް ބޮޑު ޔަގީން ކަމެއް ހޯދި އިރު، ލިވަޕޫލަށް ވަނީ ލީގު ރޭހުގައި ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފައެވެ.
ލިވަޕޫލް ލީގު ތާވަލުގެ ދެވަނައިގައި މިވަގުތު އޮތީ 34 މެޗުން 74 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް އާސެނަލުންވެސް އެ އަދަދަށް މެޗު ކުޅެފައިވާ އިރު، އެޓީމު ވަނީ 77 ޕޮއިންޓް ހޯދައިފައެވެ. އެ ދެ ޓީމަށްވެސް ދެން ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ. މިވަގުތު މެންޗެސްޓާ ސިޓީ ތާވަލުގެ ތިންވަނައިގައި އޮތް ނަމަވެސް، އެޓީމަށް އަމިއްލަ ބާރުގައި ލީގު ނަގަން ފުރުސަތު އެބައޮތެވެ. އެއީ 32 މެޗުން 73 ޕޮއިންޓް ހޯދާފައި އޮތުމުންނެވެ.
އެވަޓަންއަށް މި ސީޒަނުގައި އަދަބު ލިބި، ޕޮއިންޓް އުނިކޮށްފައިވުމާ އެކު އެޓީމަށް އަދިވެސް ރެލިގޭޝަނުން ސަލާމަތްވިކަން ޔަގީން ނުވެ އޮތް ނަމަވެސް، މިހާރު 16 ވަނައިގައި އޮތީ 18 ވަނައިގައި އޮތް ލުޓޮންއަށްވުރެ އަށް ޕޮއިންޓް ކުރީގައެވެ.
ރޭގެ ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި އެވަޓަންއިން ލީޑު ނެގިއެވެ. އެ ގޯލު ޖަރާޑް ބްރައިތުވެއިޓް ޖެހި އިރު، ދެވަނަ ހާފަށް ނުކުމެ، އެވަޓަންއަށް ލީޑު ފުޅާކޮށްދިނީ ޑޮމިނިކް ކަލްވާޓް-ލެވިން ބޮލުން ޖެހި ގޯލަކުންނެވެ.
ދެ ގޯލުގެ ލީޑަކާ އެކު ކުޅެމުން ދިޔަ އެވަޓަން ކައިރިން ޕޮއިންޓަކަށް ލިވަޕޫލުން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، ޖޯޑަން ޕިކްފޯޑު ފެނުނީ ރަނގަޅު ފޯމެއްގައެވެ. އޭނާ ވަނީ ޑާވިން ނުނިއޭޒާއި ލުއިސް ޑިއާޒް ފޮނުވާލި ނުރައްކާތެރި ބޯޅަތައް މަތަކޮށްފައެވެ.
ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ދެފަހަރު ޝެފީލްޑާ އެއްވަރުކުރި އިރު، އެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖަހައި ލީޑު ނެގީ ޝެފީލްޑުންނެވެ. ޖޭޑެން ބޮގްލްގެ ގޯލުން ޝެފީލްޑް މެޗުގައި ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ހެރީ މެގުއާ ވަނީ ޔުނައިޓެޑަށް އެއްވަރު ކޮށްދީފައެވެ. އަދި ދެވަނަ ހާފު ފެށިގެންވެސް ފުރަތަމަ ލީޑު ނެގީ ޝެފީލްޑުންނެވެ. އެ ގޯލު ޖެހީ ބެން ބްރެރެޓޮން ޑިއާޒެވެ.
އެ ގޯލާއެކު މެޗުގައި ޝެފީލްޑުން ދެ ފަހަރަށް ލީޑު ނެގި ނަމަވެސް، ބްރޫނޯ ފެނާންޑޭޒްގެ ތަފާތުން ޔުނައިޓެޑުން މެޗު އަނބުރާލިއެވެ. ފެނާންޑޭޒްގެ ޕެނަލްޓީން އެއްވަރުކޮށް، 81 ވަނަ މިނެޓުގައި އޭނާ ވަނީ ޔުނައިޓެޑަށް ލީޑުވެސް ނަގައިދީފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފެނާންޑޭޒް ވައްޓާލި ޕާހަކުން ރަސްމުސް ހޮއިލުންޑް ވަނީ ޔުނައިޓެޑަށް މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.
ޔުނައިޓެޑް ރޭގެ މެޗުން މޮޅުވެ، އެޓީމު އޮތީ ހަވަނައިގައެވެ. އެއީ 33 މެޗުން 53 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު