ކޯޗަކުގެ ހޯދުމުގެ މަސައްކަތުގައި ބަޔާން މިއުނިކުން ރާފް ރަންގްނިކާ ވާހަކަ ދައްކައިފިއެވެ.
މި ސީޒަނަށްފަހު ތޯމަސް ޓުޗެލް ބަޔާން ދޫކޮށްލާނެ ކަމަށް މިހާރު ވަނީ އިއުލާނު ކޮށްފައެވެ. ޓުޗެލްގެ ބަދަލުގައި ބަޔާން ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވޭ އެއް ކޯޗަކީ، ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކަން ކޮށްދިން ރަންގްނިކެވެ. އުމުރުން 65 އަހަރުގެ ރަންގްނިކް މިވަގުތު ހުރީ އޮސްޓްރިއާ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެގެންނެވެ. އޮސްޓްރިއާއާ އެކު ރަންގްނިކް ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ޔޫރޯއަށެވެ.
ނޫހަކަށް މައުލޫމާތު ދެމުން ރަންގްނިކް ބުނެފައި ވަނީ ކޯޗުކަމާ ހަވާލުވާން މަޝްވަރާ ކުރަން ބަޔާނުން އެދިފައިވާތީ، މިހާރު އޮސްޓްރިއާ ގައުމީ ޓީމަށް އެކަން އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ބަޔާނުން ބޭނުންވާ ނަމަވެސް، އަންނަ ސީޒަނުން ފެށިގެން އެ ކްލަބުގެ ކޯޗުކަމާ ހަވާލުވުމާ މެދު އަދި އެއްވެސް ވިސްނުމެއް ނުވިސްނާ ކަމަށް ރަންގްނިކް ބުނެފައިވެއެވެ.
ރަންގްނިކް ބުނެފައި ވަނީ ބަޔާނާ ހަވާލުވުމުގެ ކުރިން އަމިއްލައަށް ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުރި ހުރި ކަމަށެވެ. އެގޮތުން ބަޔާނާ އެކު ކުރިއެރުންތަކެއް ހޯދައި، ޓީމެއް ބިނާކުރުމުގެ ޖާގަ އޮތްތޯ ސުވާލު އުފައްދަން ޖެހޭ ކަމަށާއި މިވަގުތު ފޯކަސް ހުރީ ޔޫރޯއަށް އެކަނި ކަމަށްވެސް ރަންގްނިކް ބުނެފައިވެއެވެ.
ރަންގްނިކަކީ ޖަރުމަނުގައި އިހުތިރާމް ލިބިފައިވާ ކޯޗެކެވެ. އޭނާ ވަނީ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ އުލްމް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީ، ސްޓަޓްގާޓާއި ހެނޯވާ، ހިފެންހެއިމްގެ އިތުރުން ޝާލްކޭއާއި ލެއިޕްޒިގަށްވެސް ކޯޗުކަން ކޮށްދީފައެވެ. ޝާލްކޭއާއެކު 2011 ވަނަ އަހަރު އޭނާ ވަނީ ޖަރުމަނު ކަޕް ހޯދައި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް