އިޓަލިއަން ސެރެއާ އޭގައި ރޭ އޭސީ މިލާން ބަލިކޮށް، އިންޓަ މިލާނުން 20 ވަނަ ފަހަރަށް އިޓަލީގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ސަން ސީރޯގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އިންޓައިން މިލާން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އިންޓައިން ތަށި ޔަގީންކުރީ 33 މެޗުން 86 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޭސީ މިލާން އޮތީ 33 މެޗުން 69 ޕޮއިންޓާއެކުގައެވެ.

އިޓަލީ ލީގު ތާރީހުގައި ދެވަނައަކަށް އެންމެ ގިނައިން ޗެމްޕިއަންކަން ހީދި ޓީމަކީ އިންޓަ މިލާނެވެ. މީގެ ކުރިން އެޓީމުން އޭސީ މިލާނާ އެއްވަރުވެފައި އޮތީ 19 ލީގު ތަށްޓާއެކުގައެވެ. އިންޓައަށްވުރެ ގިނައިން ލީގު ހޯދި ޓީމަކީ ޔުވެންޓްސްއެވެ. މިއީ 2010 ވަނަ އަހަރަށްފަހު އިންޓައިން ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މި ސީޒަނުގެ ކުރިން އިންޓައިން އެންމެފަހުން ލީގު ހޯދީ 2021 ވަނަ އަހަރުއެވެ. އެއީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައެވެ.

ލީގުގައި އިންޓައިން އެންމެފަހުން ކުޅުނު 27 މެޗުންވެސް އެޓީމު ބަލިވެފައިނުވާ އިރު، ލީގު ހޯދީ ބާކީ ފަސް މެޗު އޮއްވައެވެ. އަދި ރޭގެ ޑާބީ މޮޅަކީ އިންޓައިން ޖެހިޖެހިގެން ހޯދި ހަވަނަ ޑާބީ މޮޅެވެ.

ރޭ މެޗުގެ ފުރަތަމަ ހާފުގައި ކޯނަރަކުން ފައިދާ ނަގައި، އިންޓައިން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ފްރެންސެސްކޯ އަސާބީއެވެ. އަދި ދެވަނަ ހާފަށް ނުކުމެ އިންޓައިން ލީޑު ފުޅާކުރިއެވެ. ދުރުން މަތިން އެއްލި ބޯޅައަކަށް އަރައި ބޯޅަ ގޯލަށް ވައްދާލީ މާކަސް ތުރާމެވެ.

މެޗުގެ ފަހުކޮޅުގައި އޭސީ މިލާންގެ އިންގްލެންޑް ޑިފެންޑަރު ފިކަޔޯ ޓޮމޯރީ ބޮލުން ޖެހި ގޯލުން އެޓީމަށް އުންމީދެއް ލިބުނު ނަމަވެސް، މެޗު އެއްވަރު ކުރެވޭ ގޮތެއް ނުވިއެވެ. ފޯރިގަދަކޮށް ފެނުނު މެޗުގެ ފަހު މިނެޓު ކޮޅުގައި ހަމަނުޖެހުންތައްވެސް ބޮޑުވިއެވެ. އޭސީ މިލާންގެ ތިއޯ ހެނާންޑޭޒްއާއި އިންޓަގެ ޑެންޒެލް ޑެމްފްރީސް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ބޯޅަ ނެތި ހަމަލާ ދިނުމުން ރަތް ކާޑު ދެއްކި އިރު، މިލާންގެ ކެޕްޓަން ޑާވިޑޭ ކަލަބްރިއާއަށްވެސް ރަތް ކާޑު ދެއްކިއެވެ.