އިޓަލިއަން ސެރެއާ އޭގައި ރޭ އިންޓަ މިލާނާއި ނަޕޯލީން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
އިންޓައިން ސަން ސީރޯގައި ޕާމާއާ ދެކޮޅަށް ކުޅުނު މެޗު، 3-0 އިން ކާމިޔާބު ކޮށްފައިވާ އިރު، ނަޕޯލީން އަމިއްލަ ދަނޑުގައި ފްރޮޒަނޯން ބަލިކުރީވެސް 3-0 އިންނެވެ.
ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އިންޓަ އޮތީ ހަ މެޗުން 16 ޕޮއިންޓާއެކުގައެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި އިންޓައިން ބަލިވެފައެއް ނުވެއެވެ. އެޓީމަށް ޕޮއިންޓް ގެއްލުނީ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ރޯމާއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުންނެވެ.
ނަޕޯލީން ދަށްކޮށް ފެށި މި ސީޒަނުގެ ފޯމު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ރޭ މުހިއްމު މޮޅެއް ހޯދި އިރު، އެޓީމު ވަނީ ހަވަނައަށް ޖެހިލައިފައެވެ. އެއީ ހަ މެޗުން 10 ޕޮއިންޓާއެކުގައެވެ. މިހަފުތާގައި ޔުވެންޓަސްއާއި ކޯމޯ ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ، ނަޕޯލީ އަނެއްކާވެސް ތިރިއަށް ވެއްޓޭނެއެވެ.
އިންޓައިން ކުޅުނު މެޗުގައި އެޓީމުން ރަނގަޅަށް ފެށި އިރު، ފެޑެރީކޯ ޑިމާކޯ ކުރީކޮޅުގައި ފޮނުވާލި ހަމަލާ ޖޯސެޕް މާޓިނޭޒް މަތަކުރި ނަމަވެސް އޭގެ އިރުކޮޅެއްފަހުން ޕީޓާ ސުސިޗް އިންޓައަށް ލީޑު ނަގައިދިނެވެ. އެެއީ ޕާމާ ފަހަތުން ހެދި ގޯހަކުންނެވެ.
ތޭރަ ވަނަ މިނެޓުގައި ޖެހި އެ ގޯލާއެކު އިންޓައިން ލީޑު ނެގި އިރު، ދެވަނަ ގޯލް ފެނުނީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އެއީ ޕެނަލްޓީއެއްގައި ހަކާން ޗަލަނޯލޫ ޖަހައިދިން ގޯލެކެވެ. އިންޓަގެ ތިންވަނަ ގޯލް ޖަހައިދިނީ މާކަސް ތުރާމެވެ.
އެ ގޯލް ތުރާމް ޖެހީ ހެންރިކް މިހިތާރިއަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
ފްރޮޒަނޯންއާ ދެކޮޅަށް ނަޕޯލީން ކުޅުނު މެޗުގެ ފުރަތަމަ ގޯލް ފެނުނީ 29 ވަނަ މިނެޓުގައެވެ. އެއީ ކެވިން ޑި ބްރޭނާ ޖަހައިދިން ގޯލެކެވެ. ޑި ބްރޭނާ ޕެނަލްޓީއެއްގައި އެ ގޯލް ޖަހައިދިން އިރު، އެ ޕެނަލްޓީއަކީ ރަސްމުސް ހޮއިލުންޑަށް އޭރިއާ ތެރެއިން ޖިއޯޖިއޯ ސިޓަޑިނީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.
ހާފު ނިމުމުގެ ކުރިން ނޮއާ ލޭންގް ނަޕޯލީއަށް ދެވަނަ ގޯލެއް ޖަހައިދިން އިރު، ޑި ބްރޭނާގެ ދެވަނަ ގޯލް ފެނުނީ މެޗުގެ އިތުރު ވަގުތުގައެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
ކޮމެންޓް