ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރި އެލް ކްލެސިކޯ މެޗު، ރެއާލްއިން ކާމިޔާބު ކޮށްފިއެވެ.

ރޭ ރެއާލް ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ބާސާ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ރެއާލުން ވަނީ ލީގު ނެގުމާ ގާތަށް ޖެހިލައިފައެވެ. 32 މެޗުން 81 ޕޮއިންޓާއެކު ރެއާލް އެއްވަނައިގައި އޮތީ 11 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ބާސާއަށް 32 މެޗުން 70 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި މިވަގުތީ އޮތީ ޖިރޯނާއެވެ. އެއީ 32 މެޗުން 68 ޕޮއިންޓާއެކުގައެވެ. ރެއާލާއި ބާސާއަށްވެސް ލީގުގައި ބާކީ ދެން އޮތީ ހަ މެޗެވެ.

ރޭގެ މެޗުގައި ރެއާލުން ވަނީ ދެ ބުރަށް ބާސާ ކައިރިން ފަހަތުން އަރައި އެއްވަރު ކޮށްފައެވެ. މެޗުގެ ކުރީކޮޅުގައި އަންދްރޭއާސް ކްރިސްޓިއަންސަން ޖެހި ގޯލުން ބާސާ ލީޑު ނެގި ނަމަވެސް، ހާފު ނިމެން ދަނިކޮށް ރެއާލްއަށް ޕެނަލްޓީއެއް ލިބި، މެޗު އެއްވަރު ކުރިއެވެ. ރެއާލްގެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ވިނީިޝިއަސް ޖޫނިއާއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެންވެސް ފުރަތަމަ ގޯލު ޖެހީ ބާސާއެވެ. އެ ގޯލު ޖެހީ ފާމިން ލޮޕޭޒެވެ. އެ ގޯލާއެކު ބާސާއިން ލީޑު ނެގިތާ މާގިނައިރެއް ނުވެ، އަނެއްކާވެސް ރެއާލުން އެއްވަރުކުރި އިރު، އެ ގޯލު ޖެހީ ލޫކަސް ވަޒްކޭޒްއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގައެއްވެސް މިދިޔަ ހަފުތާ ހޯދި ރެއާލުން މެޗުން މޮޅުވީ ފަހު މިނެޓުގައި ކަހަލަ ގޮތަކަށެވެ. އެ ގޯލު ޖެހީ ޖޫޑް ބެލިންހަމްއެވެ. ބެލިންހަމް މިހާތަނަށް 21 ގޯލު މި ސީޒަނުގައި ޖަހާފައިވާ އިރު، އެންމެފަހުން ރެއާލުން ކުޅުނު 28 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. އޭގެ ތެރެއިން 22 މެޗުން ރެއާލް ވަނީ މޮޅުވެފައެވެ. ރެއާލް އެންމެފަހުން ބަލިވެފައި ވަނީ މިދިޔަ އަހަރު އޭޕްރީލް މަހު، ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.