އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 25 ޑިސެންބަރު 2022 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ، ދައުލަތުން އިއްވި، މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.
އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.
އެގޮތުން އެންމެ ފުރަތަމަ ބާތިލްކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި އެމަނިކުފާނަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމެވެ.
އޭގެ ފަހުން ވަނީ މަނީލޯންޑާ ކުރުމުގެ ކުށުގައި ޔާމީނަށް ވަނީ ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމްވެސް ބާތިލުކޮށްފައެވެ. މި ދެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން ވަނީ ދަށު ކޯޓަށް އަމުރުކޮށްފައެވެ. މި ދެ ހުކުމް ވެސް ބާތިލްކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ މައްސަލައިގައި ހުކުމުގެ ރައުޔު އިއްވަމުން ފަނޑިޔާރު މުހައްމަދު ސަލީމް ވިދާޅުވީ ދައުލަތުން ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރެއްވި ކަމަށް ވިދާޅުވާ އިރު، ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގެ ޖަލު ހުކުމް ބާތިލް ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ ރުކުން ނެތިގެންދާ ކަމަށެވެ.
ފަނޑިޔާރު ސަލީމް ވިދާޅުވީ ޔާމީންގެ މައްސަލަ ބެލުމުގައި ކުރިމިނަލް ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން އެ މަނިކުފާނަށް ޝަރީއަތުގައި ލިބެންޖެހޭ ދިފާއީ ބައެއް ފުރުސަތުތަކާއި ބައެއް ހައްގުތައް ގެއްލިފައިވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް އެ މަނިކުފާނުގެ މާލީ ބަޔާނުގައި އޮތުމަކީ، އޭގެ ޒާތުގައި އެ މަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެހެންވެ ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި އިއްވި ހަތް އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ބެލުމަށް ފޮނުވުމަށް ފަނޑިޔާރު ސަލީމް ރައުޔު ކަނޑައެޅުއްވިއެވެ. މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ހަސަން ޝަފީއު ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ސަލީމް ހުކުމް ކުރެއްވީ މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު