ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހިފައި އޮތް 8.3 މިލިއަން ޕައުންޑް ދިނުމަށް ޔުވެސްޓަސްގެ މައްޗަށް އިޓަލީގެ ކޯޓުން އަމުރުކޮށްފިއެވެ.
މީގެ ތިން އަހަރު ކުރިން، 2020-21 ވަނަ އަހަރުގެ ސީޒަނުގައި އުމުރުން 39 އަހަރުގެ ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ސްކޮޑުގައި އޭރު ތިބި ކުޅުންތެރިން އެ ކްލަބާއެކު އެއްބަސްވެފައި ވަނީ މުސާރަ ނެގުން ފަސްކޮށްލުމަށެވެ. އެއީ ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ހުއްޓުމަކަށް އައުމުންނެވެ. އެ ފަހަރު ޔުވެންޓަސް ކުޅުންތެރިން ވަނީ އެ ސީޒަނުގެ މާޗު، އޭޕްރީލްގެ އިތުރުން މޭ އަދި ޖޫންގެ މުސާރަތައްވެސް ފަހުން ދިނަސް ހެޔޮ ކަމަށް އެއްބަސްވެފައެވެ.
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ މުސާރައިގެ މައްސަލަ އިޓަލީ ކޯޓަށް ހުށަހެޅީ، ކުރީގެ ކްލަބް ޔުވެންޓަަސް އިން 17 މިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ، އޭނާއަށް ދޭން ޖެހި، ނުދީ އޮތް ކަމަށް ބުނެއެވެ. އެ އަދަދު ހޯދަން ރޮނާލްޑޯ ހުށަހެޅި ނަމަވެސް، ކޯޓް އޮފް އާބިޓްރޭޝަނުން ބުނީ ރޮނާލްޑޯ އަށް ޔުވެންޓަސް އިން މުސާރަ ދޭން ޖެހޭނީ ޓެކުހާއި އެހެނިހެން ބައިތަކަށް ފައިސާ އުނިކުރުމަށް ފަހުގައި ކަމަށެވެ.
ރޮނާލްޑޯ ވަނީ 2018 އާއި 2021 އާ ދެމެދު ޔުވެންޓަސް އާއެކު އިޓަލީގައި ތިން ސީޒަން ހޭދަކޮށް، އެ ޓީމަށް ސެރެއާ އޭ ދެ ފަހަރަށް ހޯދައިދޭން އެހީވެފައެވެ.
އެ ފަހުން ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި ގޮސް، އެ ކްލަބާ ހިތްހަމަނުޖެހި، މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއާގެ އަލް-ނަސްރަށެވެ. މިހާތަނަށް ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ 2023 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބުނު ކުޅިވަރު އެތުލީޓެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ