އެމްޑީޕީން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ސަރުކާރު ވައްޓާލުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހަތަރު ދުވަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންވަނީ ބަދަލު ހިފުމުގެ ރޫހު ރާއްޖެއިން ނައްތާލަން ކަމަށެވެ. ކުރީގެ ވެރިކަންތަކުން ވަނީ ސިޔާސީ ބޭނުމެއްގައި ރައީސުންނާއި މިނިސްޓަރުން ހައްޔަރުކޮށްފައި ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުން އެފަދަ ކަންކަން ނުފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ވެސް ދައްކަނީ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ބަދަލުކުރުމާއި އަޒުލުކުރުމުގެ ވާހަކަތައް ކަމަށެވެ.

"އެހެންނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގައި ކޮން ވާހަކައެއްތޯ ދައްކަވަނީ؟. ތިބޭފުޅުން ރާއްޖޭގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން ކުރީގެ ދިޔަ މިސްރާބު ކަމު ނުގޮސްގެން ދިވެހިންގެ އަތް މައްޗަށް ރާއްޖޭގެ މިސްރާބު ގެނެސްފައި އޮތްވައި އެކަން ކުރަން ފަށައިފައި އޮތް ސަރުކާރެއް އަނެއްކާ ވެސް އެކި ކަހަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލުކުރުމާއި، އަޒުލުކުރުމާއި މިކަހަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު, އެ ބޭފުޅުންނަށް ކެތް ނުވެގެން އިންތިހާބު ގާތްވާން ފެށީމައި ފާޅުގައި ސާފުކޮށް މި ވިދާޅުވާން ވެސް ފެށީނުންތޯ. އޭގެ ކުރިން ވިދާޅުވީ ޖަވާބުދާރީކުރުވާ ވާހަކަ. ރަނގަޅު ޖަވާބުދާރީ ކުރުވަން ޖެހޭނެ، އެކަމަކު ޖަވާބުދާރީ އެ ލަފްޒު އެ ބޭފުޅުން މާނަކުރަނީ ސަރުކާރު ވައްޓާލުމަށް. ސަރުކާރު ބަދަލުކުރުމަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ ފަސް އަހަރަކުން ވޯޓު ލައިގެން ސަރުކާރު ބަދަލު ކުރެވޭނެ ކަމަށެވެ. ރައްޔިތުން ވަނީ އެ މަނިކުފާނާ ފަސް އަހަރު ތެރޭގައި ކުރުމަށް ޒިންމާތަކެއް ހަވާލުކޮށްފައި ކަމަށާއި އެހެންކަމުން އެ މަނިކުފާނުގެ ހުރިހާ ވެސް އަމާޒެއް ހުރީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ބުރިޖާއި މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަސް، ގައުމުގައި ހަމަޖެހުމެއް ނެތް ނަމަ، ހަގީގީ ތަރައްގީއެއް ނާންނާނެ ކަމަށެއެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އަޅައި އަބަދުވެސް ރާއްޖެ ގަޑުބަޑު ގަނޑެއްގެ ތެރޭގައި އަދި ތަޅާފޮޅުމެއްގައި ގައުމު ބާއްވަން ބޭނުންވާ ބަޔަކު މަޖިލީހަށް ހޮވައިގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ކުރީ ސަރުކާރުން ފަށައިފައިވާ ވަަރަށް ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި ކަމަށެވެ. ނަމަވެސް މިހާރު އެ މަޝްރޫއުތަކުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އަދި އާ މަޝްރޫއުތަކެއްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ބިން ހިއްކުމާއި ބަނދަރު ހެދުމާއި އެއާ ޕޯޓު ހެދުމުގެ މަޝްރޫއުތައް އަލަށް ފަށައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެން މިކަންކަމަށް ހުރަސް އަޅާނެ ބަޔަކު ތިބޭފުޅުން ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މަޖިލީހަށް ވައްދަންވީ ސަބަބެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ 93 ދާއިރާގެ ރައްޔިތުން، ތަރައްގީ ހާސިލުކުރުމަށް ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.