ޗެމްޕިއަންސް ލީގު މެޗެއްގައި ބްރޫޝިއާ ޑޯޓުމަންޑް ދަނޑަށް ނުކުންނަން ޖެހޭނީ ވިސްނައިގެން ކަމަށާއި މިރޭ ފެނިގެންދާނީ ޗެމްޕިއަންސް ލީގުގެ ތަފާތު މެޗެއް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އެތުލެޓިކޯ ދަނޑުގައި ޑޯޓުމަންޑާ ދެކޮޅަށް ކުޅެ، އެތުލެޓިކޯ މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެތުލެޓިކޯގެ ގޯލުތައް ޖަހައިދިނީ ރޮޑްރީގޯ ޑި ޕައުލް އާއި ސެމިއުލް ލިނޯއެވެ. ޑޯޓުމަންޑްގެ ހަމައެކަނި ގޯލު އެމެޗުގައި ޖަހައިދިނީ މިރޭގެ މެޗަށް އަނިޔާގައި ހުރި ސެބެސްޓިއަން ހެލާއެވެ.

މިރޭގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ބުނީ ޔޫރަޕްގެ ގަދަ ހަތަރެއްގައި ހިމެނުމަށް ލިބޭ ފުރުސަތަކީ މުހިއްމު ފުރުސަތަކަށް ވާނެ ކަމަށާއި އެ ފުރުސަތަށް މިރޭ ނުކުންނަން ޖެހޭނީ ޑޯޓުމަންޑަށް ސަމާލުވެގެން ކަމަށެވެ.

"އަހަރެން ނުޖެހޭނެ ކުޅުންތެރިންނަށް ކިޔައިދޭކަށް މިރޭގެ މެޗުގެ މުހިއްމު ކަމެއް. ޔޫރަޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމަކީ ލިބޭނެ ބޮޑު ފުރުސަތެއް. އެކަމަކު މިރޭ ސަމާލުވާން ޖެހޭނެ. ޑޯޓިމަންޑްގެ އަމިއްލަ ދަނޑުގައި އެޓީމަކީ ވަރަށް ނުރައްކާތެރި ޓީމެއް. ހާއްސަކޮށް އެ ދަނޑުގެ ސަޕޯޓަރުން ތަފާތު ވާނެ،" ސިމިއޯނީ ބުންޏެވެ.

ޖަރުމަނުގެ ޑޯޓުމަންޑުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނީ މީގެ 11 އަހަރު ކުރިންނެވެ. އަދި އެތުލެޓިކޯއިން އެންމެފަހުން ސެމީއަށް ދަތުރު ކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ.

މިރޭގެ މެޗަށް ޑޯޓުމަންޑްގެ ސްޓޭޑިއަމް ފުރިހަމައަށް ތައްޔާރުވާ އިރު، އެ ޓީމުގެ ހޯމް ސަޕޯޓަރުންނަށް 81،500 ޓިކެޓް ވިއްކާފައިވެއެވެ. ޑޯޓުމަންޑްގެ ކޯޗު އެޑިން ޓޭޒިކް ބުނެފައި ވަނީ ޑޯޓުމަންޑަށް ސަޕޯޓަރުންގެ އެހީ މިރޭ ލިބޭނެ ކަމަށެވެ.