މިރޭ ބާސެލޯނާ ކައިރިން ޕީއެސްޖީއަށް ނަތީޖާ އަނބުރާލެވޭނެ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި، ޕީއެސްޖީން އަމިއްލަ ދަނޑުގައި ބާސާ ކައިރިން ބަލިވެފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ސެމީއަށް ގޮސްފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އަނެއްކޮޅުން ބާސާ އެންމެފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގޮސްފައި ވަނީ ފަސް އަހަރު ކުރިންނެވެ.
މިރޭގެ ދެވަނަ ލެގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނީ، ތާރީހުގައި ޕީއެސްޖީއަށް ކުރެވިފައި ނެތް ކަމެއް ނަމަވެސް، މިރޭ އެ ތާރީހު ބަދަލުކުރާނެ ކަމަށެވެ.
"މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގެއްގައި ބަލިވެފައި އޮވެ، ޕީއެސްޖީއަށް އަނެއް ލެގުގައި ނަތީޖާ އަނބުރާލެވިފައެއް ނުވޭ. އެހެން ނަމަވެސް، މިރޭ މީ އެކަން ބަދަލުވާ ރޭ. ޕީއެސްޖީގައި އޮތީ ވަރަށް އެކުވެރި ގްރޫޕެއް. އަދި މި ޓީމު ތެރޭގައި އީގޯގެ މައްސަލައެއް ނެތް،" 2014-15 ވަނަ އަހަރުގެ ސީޒަނުގައި ބާސާއާއެކު ޓްރެބަލް ކާމިޔާބުކުރި އެންރީކޭ ބުންޏެވެ.
ޕީއެސްޖީގެ ތާރީހުގައިވެސް ޗެމްޕިއަންސް ލީގުގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަން ކުރިމަތިވީވެސް ބާސާގެ ކޯޗަކަށް އެންރީކޭ ހުއްޓައެވެ. ޕީއެސްޖީން އަމިއްލަ ދަނޑުގައި 4-0 އިން މޮޅުވެފައި އޮއްވާ، 2017 ވަނަ އަހަރު ބާސާއިން ވަނީ ދެވަނަ ލެގުގައި 6-1 އިން އެ ނަތީޖާ އަނބުރާލައިފައެވެ. އެންރީކޭ ބުނީ އެ ހަނދާންތަކާ ދުރުވެ، މިރޭ ބާސާ ބަލިކުރެވޭނެ ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު