މިއަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ދެ ކެންޑިޑޭޓަކު، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

ޕީއެންސީގެ ފަރާތުން ތިމަރަފުށި ދާއިރާއަށް ވާދަކުރާ އަހުމަދު ރިޔާޒަށް ތާއިދު ހޯދުމަށް ރޭ ބޭއްވި ޖަލްސާއެއްގައި އެ ދާއިރާއަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ފާތިމަތު ޒިލްމާ ވަނީ، އަހުމަދު ރިޔާޒަށް ތާއީދު ކުރަން ނިންމައިފައެވެ. އަދި ޕީއެންސީން މިރޭ ބޭއްވި ގުރައިދޫ ދާއިރާއަށް ވާދަކުރާ ހަނާން މުހައްމަދު ރަޝީދުގެ ކެމްޕޭން ޖަލްސާއެއްގައި އެ ދާއިރާއަށް ވާދަކުރާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ލީލާ އިބްރާހީމް މަނިކު ވަނީ، ހަނާނަށް ތާއީދު ކުރަން ނިންމައިފައެވެ.

މިރޭގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމި ނިންމުމަކީ ގައުމަށާއި ދާއިރާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ނިންމި ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ.

އިހުސާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކޮށްފައި ކަމަށެވެ. އަދި ވަރަށް ފަހުން ދަ ޑިމޮކްރެޓްސްގެ ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް މުއިއްޒަށާއި މި ސަރުކާރަށް ތައުރީފު ކުރައްވައިފައި ކަމަށެވެ.