ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ އިން ކުޅުނު މެޗުތައް އެ ދެ ޓީމުންވެސް ކާމިޔާބުކޮށްފިއެވެ.

ރެއާލް އިން ރޭ ރަށުން ބޭރުގައި މަޔޯކާ ބަލިކުރީ 1-0ގެ ނަތީޖާއެކެވެ. އަނެއްކޮޅުން ވާދަވެރި ބާސާ އިން ރޭ ރަށުން ބޭރުގައި ކާޑިޒް ބަލިކުރީވެސް 1-0ގެ ނަތީޖާއަކުންނެވެ.

ރޭގެ ނަތީޖާ އާއެކު ރެއާލުން ވަނީ ލީގު ނެގުމާ ގާތަށް ޖެހިލައިފައެވެ. މި ވަގުތު އެ ޓީމުން އެއްވަނައިގައި އޮތީ 31 މެޗުން 78 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ބާސާ އަށް 31 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ބާކީ ހަތް މެޗު އޮއްވައި އަށް ޕޮއިންޓްގެ ލީޑެއް ލިބުމަކީ ރެއާލަށް ބޮޑު ހިތްހަމަޖެހުމެކެވެ. ތާވަލުގެ ތިންވަނައިގައި މި ވަގުތު އޮތީ ޖިރޯނާއެވެ. އެއީ 31 މެޗުން 65 ޕޮއިންޓާއެކުގައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގަށް ރެއާލާއި ބާސާގެ ފޯކަސްވެސް ބޮޑުކޮށް އޮތްއިރު، ރޭ ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީވެސް ވަނީ މުހިންމު ބައެއް ކުޅުންތެރިންނަށް ރެސްޓް ދީފައެވެ. އެގޮތުން ޑެނީ ކަވަހާލާއި އެޑުއާޑޯ ކަމަވިންގާ، ޓޯނީ ކްރޫސް އަދި ވިނީޝިއަސް ޖޫނިއާވެސް ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ. އަދި އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްވެސް 64 ވަނަ މިނެޓުގައި ވަނީ ބާލައިފައެވެ.

މެޗުގައި ރެއާލް އަށް ގޯލެއް ޖަހަން އުނދަގޫތަކެއް ދިމާވި އިރު، ހަމައެކަނި ގޯލު ފެނުނީ 48 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އޮރެލިއަން ޗުއަމެނީ 35 ޔާޑު ދުރުން ފޮނުވާލި ބާރު ބޯޅައަކުން ޖެހި ގޯލެކެވެ.

ބާސާ އިން ރޭ ކުޅުނު މެޗަށް އެ ޓީމުންވެސް ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު މެޗު ކުރިއަށް އޮތުމާއެކު، ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އާންމުކޮށް ބޭނުންނުކުރާ ކުޅުންތެރިންތަކެއް މެޗުގައި ޓީމަށް ނެރެފައެވެ. އެގޮތުން ޒުވާން ކުޅުންތެރިން ކަމަށްވާ ޕައު ކުބާސީއާއި ހެކްޓާ ފޮންޓް އަދި ވިކްޓާ ރޯގު ފަދަ ކުޅުންތެރިން ޒަވީ ވަނީ ފުރަތަމަ 11 އަށް ނެރެފައެވެ.

މެޗުގެ ހަމައެކަނި ގޯލު، 37 ވަނަ މިނެޓުގައި ބާސާއަށް ޖަހައި ދިނީ ލޯނެއްގައި ކުޅެމުންދާ ޖާއޯ ފެލިކްސްއެވެ. އޭނާ އެ ގޯލު ޖެހީ މާކަސް އެލޯންސޯގެ ކޯނަރެއްގައި، އޯވާހެޑަކުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.