އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ލުޓޮން ބަލިކޮށް، އެޓީމުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލުޓޮން ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީ އެއްވަނައިގައި އޮތީ 32 މެޗުން 73 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލް މިހާތަނަށް 31 މެޗު ކުޅެފައިވާ އިރު، އެޓީމަށް ލިބިފައި ވަނީ 71 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލިވަޕޫލުންވެސް 31 މެޗު ކުޅެ، 71 ޕޮއިންޓް ހޯދާ އޮތް އިރު، އެޓީމު ތިންވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިރޭގެ މެޗު ސިޓީން ރަނގަޅަށް ފެށި އިރު، ދެވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލަކީ ޑައިކީ ހަޝިއޯކީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފުގައިވެސް އިތުރު ހަމަލާތައް ސިޓީގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ. ކެވިން ޑި ބްރޭނާއާއި އާލިން ހާލަންޑްގެ ނުރައްކާ ފެނިގެން ދިޔަ ނަމަވެސް، އިތުރު ގޯލެއް ފެނުނީ ދެވަނަ ހާފުގައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން 64 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ގޯލު ޖެހީ މަޓެއޯ ކޮވަސިޗެވެ. އަރިމަތިން ހުރަސްކުރި ބޯޅަ، އޭރިއާ ބޭރުން ކޮވަސިޗް އަމާޒުކޮށްލީ ސީދާ ކަނަށެވެ. އޭގެ 10 ވަރަކަށް މިނެޓްފަހުން ހާލަންޑް ޖެހި ޕެނަލްޓީއަކުން ސިޓީ ލީޑު އިތުރަށް ފުޅާކުރި އިރު، ލުޓޮން ވަނީ މެޗަށް ވަނުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

ރޮސް ބާކްލޭ ޖެހި ގޯލުން ލުޓޮންއަށް އުންމީދެއް ލިބުނު ނަމަވެސް ސިޓީ ނިންމާލީ މާ ނުރައްކާ ކޮށެވެ. ޖެރަމީ ޑޮކޫއާއި ޖޮސްކޯ ގްވާޑިއޯލް ޖެހި ގޯލުން ސިޓީ ފަސް ގޯލު ހަމަކޮށް އެއްވަނައަށް ޖެހިލިއެވެ.

މި ހަފުތާ، ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިއުކާސަލްއިން ވަނީ ޓޮޓެންހަމް ބޮޑުކޮށް ބަލިކޮށްފައެވެ. ޓޮޓެންހަމް ކޮޅަށް ނިއުކާސަލްއިން ހަތަރު ގޯލު ޖެހި އިރު، އެ މެޗު ނިއުކާސަލްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ނިއުކާސަލްގެ ގޯލުތައް ޖެހީ އެލެކްސެންޑްރާ އީސާކާއި އެންތޮނީ ގޯޑަން އަދި ފަބިއަން ޝާއެވެ. އިސާކް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.