އައްޑޫ ހުޅުމީދޫ އާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ މަޝްރޫއަށް އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތެއްގައި ރޭ ސޯލިހު ވިދާޅުވީ މި ސަރުކާރުން ވައުދުތަކެއް ވަމުންދާ ކަމަށާއި އެ ވައުދުތަކުގެ ތެރޭގައި އައްޑޫ ބުރިޖުގެ މަޝްރޫއުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
"މިއަދުގެ ސަރުކާރުން ވައުދުތަކެއް އެބަވޭ، އަޅުގަނޑު ހިތުން ހުޅުދޫ މީދޫ އާއި ހިތަދޫ ގުޅައިލުމުގެ ވާހަކަތަކެއް އެބަ ދެކެވޭ، ކުރައްވަންވީ އެހެން ނަމަވެސް ތަރުތީބެއް އޮންނަން ޖެހޭނެ ކަންތައްތަކުގައި. ކުރައްވަންވީ އަޅުގަނޑުމެންގެ ފުރިހަމަ ތާއީދު އެކަމަށް އޮންނާނެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން ލިބެންޖެހޭ ހުރިހާ ތާއީދެއް އެކަމަށް އޮންނާނެ،" ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ އައްޑޫގައި ބުރިޖެއް ހެދުމުގެ ކުރިން ސަރުކާރުން ކުރަންވީ ކަމަކީ ބުރިޖު މަތިން މީހުން ދަތުރުކުރަންވީ ސަބަބެއް ދެއްކުން ކަމަށެވެ. އަދި ވިދާޅުވީ ބުރިޖުގެ މަޝްރޫއަށް ވުރެ ބޮޑަށް މުހިންމީ އައްޑޫގައި ވަޒީފާގެ ފުރުސަތުތަކެއް އުފައްދައި އިގުތިސޯދީ ގޮތުން ކުރިއެރުވުމުގެ މަސައްކަތް ކަމަށެވެ. އެމްޑީޕީން މިދިޔަ ފަސް އަހަރު ކުރިކަމަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީން ޕްލޭން ކޮށްފައި އޮތީ ބުރިޖު ހެދުމުގެ މަސައްކަތާ އެކު އިގުތިސޯދީ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އެމްޑީޕީގެ އެ ޕްލޭން ކާމިޔާބުކުރުމަށް އައްޑޫގެ ދާއިރާގެ ގޮޑިތަކަށް އެމްޑީޕީގެ މެމްބަރުން އިންތިހާބުކޮށް، މަޖިލީހުގެ މެޖޯރިޓީ ހޯދުން މުހިންމު ކަމަށް ސޯލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ވަނީ އައްޑޫގައި ތަރައްގީގެ މަޝްރޫއުތަކެއް ފަށައިފައި ކަމަށާއި މި ސަރުކާރަށް ގޮވާލައްވަން ބޭނުންފުޅު ވަނީ ލަސްނުކޮށް އެ މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު