ބްރޫޝިއާ ޑޯޓުމަންޑަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯއަށް އެންމެ އުނދަގޫވާނެ ޓީމު ކަމަށް ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި އެންމެފަހުން ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑްގެ އިތުރުން ބާސެލޯނާއާއި ޕީއެސްޖީވެސް ހިމެނޭ އިރު، ސިމިއޯނީ ބުނެފައިވަނީ ޑޯޓުމަންޑަކީ އެންމެ އުނދަގޫވާނެ ޓީމު ކަމަށެވެ. ޑޯޓުމަންޑަށް މިއީ އެންމެ ރަނގަޅު ސީޒަނެއް ނޫން ނަމަވެސް، ސިމިއޯނީގެ ނަޒަރުގައި ޑޯޓުމަންޑް "އަންޑަ އެސްޓިމޭޓް" ނުކުރެވޭނެއެވެ.
"ޑޯޓުމަންޑްގެ ކިބައިގައި ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް އެބަހުރި. އެއީ އަހަރެމެންނަށް ޖެހޭނެ އެންމެ އުނދަގޫ ޓީމުވެސްމެ. ރަށުން ބޭރުގައި ޑޯޓުމަންޑް ބަލިނުވާތާ މިހާރު ހަތަރު ވަރަކަށް މަސް ވެދާނެ. އަދި އަމުދުން ކައުންޓާ އެޓޭކްގައި ޑޯޓުމަންޑް ވަރަށް ބޮޑަށްވެސް ނުރައްކާ. ޑޯޓުމަންޑަކީ ގަދަ އަށެއްގައި ހިމެނޭ އެންމެ ނުރައްކާތެރި، އެންމެ އިންޓެންސް ޓީމު،" ސިމިއޯނީ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ޑޯޓުމަންޑުން މި ސީޒަނުގެ ލީގުގައި ހަތަރު ވަނައިގައި އޮތް އިރު، އެޓީމުން މިފަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ކުޅެމުން ދަނީ ދެތިން ސީޒަނަށްފަހުއެވެ. މިފަހަރުގެ ކުރިން ޑޯޓުމަންޑުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގަދަ އަށެއްގައި ހިމެނުނީ 2021 ވަނަ އަހަރުއެވެ. އަނެއްކޮޅުން، އެތުލެޓިކޯ މަސައްކަތް ކުރަމުންދަނީ 2017 ވަނަ އަހަރަށްފަހު ސެމީ ފައިނަލްގެ ފުރުސަތު ހޯދުމަށެވެ.
މިރޭ ޑޯޓުމަންޑާއި އެތުލެޓިކޯ، ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ކުރިމަތިލާ އިރު، ޑޯޓުމަންޑްގެ ކޯޗު އެޑިން ޓާޒިކް ބުނީ، އެތުލެޓިކޯގެ ލެގަސީ އެންމެންނަށްވެސް އެނގޭނެ ކަމަށާއި، އެޓީމަކީ ޑިފެންސް ކުރުމުގެ "އާޓް" ފުރިހަމަ ޓީމެއް ކަމަށެވެ. އަދި އެއްވެސް ޓީމަކަށް އެތުލެޓިކޯގެ ޑިފެންސް ފޫއަޅުވާލަން ފަސޭހަ ނުވާނެ ކަމަށްވެސް ކޯޗު ޓޭޒިކް ބުންޏެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު