ޔާގަން ކްލޮޕް މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުމުން، އެޓީމުގެ ކޯޗުކަމުގެ މަގާމަށް ދެން ގެންނާނީ މިހާރު ސްޕޯޓިން ލިސްބަންގެ ކޯޗުކަމުގައި ހުރި ރުބެން އަމޯރިމް ކަމަށް ބެލެވިއްޖެއެވެ.
ލިވަޕޫލަށް 30 އަހަރަށްފަހު ލީގު ތަށްޓެއް ހޯދައިދީ، އެ ކްލަބާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި ކްލޮޕް، ކްލަބުގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް އިއުލާނުކުރީ މި ސީޒަނުގެ ތެރެއިންނެވެ. ލިވަޕޫލާއެކު 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ކޯޗު، ކްލޮޕް މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެކަން އިއުލާނުކުރުންވެފައި އޮތީ ގިނަ ބަޔަކަށް ހައިރާން ކަމަކަށެވެ.
ކްލޮޕް ކްލަބު ދޫކޮށްލުމުން، ކްލަބުގެ މިސްރާބު މިހާރު ހުރި ދިމާ އެންމެ ސާފު ނުވާ އިރު، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވާނެ ފަރާތްތަކަކަށް މާ ގިނަ ނަންތަކެއް މިހާތަނަށް އައިސްފައެއްވެސް ނުވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ބަޔާން ލެވަކޫސަންގެ ކޯޗު، ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ޒަބީ އެލޯންސޯގެ ނަން މީޑިއާއަށް ކޮންމެވެސް ވަރަކަށް ތިލަވި ނަމަވެސް، އެލޯންސޯ ވަނީ އަންނަ ސީޒަނުގައި ލެވަކޫސަންގައި މަޑުކުރާނެ ކަމަށް ބުނެފައެވެ.
އެ ހިސާބުން އިތުރު ބައެއް ކޯޗުންނަށް ލިވަޕޫލުން މަސައްކަތް ފަށާފައިވާ އިރު، އެންމެ ކުރީގައި މިހާރު އޮތް ނަންތަކަކީ އަމޯރިމާއި ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީގެ ނަމެވެ. އޭގެ ތެރެއިންވެސް، އުމުރުން 39 އަހަރުގެ އަމޯރިމްގެ ނަން ވަކިން ބޮޑަށް މީޑިއާގައި ވަނީ ދެކެވެން ފަށައިފައެވެ.
އަމޯރިމް ވަނީ 19 އަހަރަށްފަހު ސްޕޯޓިންނަށް ޕޯޗުގީޒު ލީގު ހޯދައިދީފައެވެ. އެއީ އޭނާގެ އުމުރުން އެންމެ 36 އަހަރުގައެވެ. 2021 ވަނަ އަހަރުއެވެ. އެއީ އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެވެ. އެ ހިސާބުން ފެށިގެން ޒުވާން ކޯޗު އަމޯރިމްގެ ނަން ޔޫރަޕްގައި އާންމުވެފައިޥާ އިރު، ބައެއް ބޮޑެތި ކްލަބުތަކުން އޭނާއަށް ފާރަލާފައިވެއެވެ.
ކުރިން ބެންފިކާއާއި ޕޯޗުގަލް ގައުމީ ޓީމަށް ކުޅެ، 2018 ވަނަ އަހަރު ރިޓަޔާކުރި އަމޯރިމް ވަނީ މި ސީޒަނުގައިވެސް މިހާތަނަށް ސްޕޯޓިން ކުޅުނު 13 މެޗުން 10 މެޗު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.
އަމޯރިމް މިހާތަނަށް ރަނގަޅު ކުޅުންތެރިންތަކެއްވެސް ސަޕޯޓިންގައި އުފައްދާފައިވުން އެއީ ލިވަޕޫލުން އޭނާއަށް ފާރަލަމުންދާ އެންމެ ބޮޑު އެއް ސަބަބެވެ. މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ މަތެއަސް ނުނޭސްއާއި ޓޮޓެންހަމްއަށް މިސީޒަނަށް ގެންދިޔަ ޕެޑްރޯ ޕޯރޯ އަދި ފުލަމްއަށް ކުޅޭ ޖާއޯ ޕައުލީނިއާއަކީވެސް އަމޯރިމްއާއެކު 2020-21 ވަނަ އަހަރު ޕޯޗުގަލް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް