ބާސެލޯނާގެ މިހާރު ކޯޗު ޒަވީ ހެނާންޑޭޒްއަށްވުރެ ބޮޑަށް ބާސާ ރަމްޒުކޮށްދޭ ކޯޗަކީ ލުއިސް އެންރީކޭ ކަމަށް އޭނާ ބުނެފިއެވެ.
އެންރީކޭ މިހާރު ކޯޗުކަން ކޮށްދެމުންދާ ޕީއެސްޖީއާއި ބާސާއިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ނުކުންނާނެއެވެ. މިރޭގެ މެޗަށް ނުކުންނަ އިރު، ދެ ކޯޗުންނަކީވެސް ބާސާގެ ލެގަސީ ބޮޑު ދެ ކޯޗުންނެވެ. އުމުރުން 53 އަހަރުގެ އެންރީކޭ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އަށް އަހަރު ބާސާގައި ހޭދަކޮށްފައެވެ. އަދި އޭގެފަހުން ކޯޗިން ކެރިއަރަށް ނުކުމެ، އޭނާ ވަނީ 2014 ވަނަ އަހަރުން 2017 ވަނަ އަހަރަށް ބާސާގެ ކޯޗުކަން ކޮށްދީފައެވެ.
އެންރީކޭ ވަނީ ބާސާއާއެކު 2015 ވަނަ އަހަރު ޓްރެބަލް ކާމިޔާބުކޮށް، އެ ކްލަބާއެކު ތާރީހުވެސް ލިޔެލައިފައެވެ. އަނެއްކޮޅުން މިހާރު ބާސާގައި ހުރި ކޯޗު ޒަވީ ވަނީ 500 އަށްވުރެ ގިނަ މެޗު އެ ކްލަބަށް ކުޅެ، ކުޅުންތެރިއެއްގެ ގޮތުގައި 20 ތަށި ހޯދައިފައެވެ. އަދި ކޯޗެއްގެ ގޮތުގައި އެ ކްލަބާއެކު ލީގު ކާމިޔާބުކޮށްފައެވެ.
މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން އެންރީކޭ ބުނީ ޒަވީއަށްވުރެ ބޮޑަށް ބާސާ ރަމްޒުކޮށްދެނީ އޭނާ ކަމަށާއި، އެ ހިޔާލާ ދެބަސްވާ ބަޔަކު ތިބި ނަމަވެސް، އެއީ ހަގީގަތެއް ކަމަށެވެ.
"ބާސާގެ ގޮތް، ބާސާ ވަންތަކަން ޒަވީއަށްވުރެ ބޮޑަށް ރަމްޒުކޮށްދެނީ އަހަރެން. އެ ވިސްނުމާ ދެބަސްވާ ބަޔަކު ތިބެދާނެ. އެއީ މައްސަލައެއް ނޫން. އެކަމަކު ދެ ކޯޗުންގެ ތަފާސްހިސާބުތަކަށް ބަލައި، ހޯދި ކާމިޔާބީއަށް ބަލާލުމުން އެކަން ސާފުވާނެ،" އެންރީކޭ ބުންޏެވެ.
އެންރީކޭގެ ކޯޗުކަމުގެ ދަށުގައި ޒަވީ ބާސާގައި މުހިއްމު ކާމިޔާބީތަކެއް ހޯދި ނަމަވެސް، އޭނާ ބުނީ ޒަވީ ކޯޗެއްގެ ގޮތުގައި މާ ބޮޑަށް ނޭނގޭ ކަމަށެވެ. އަދި މިރޭގެ މެޗަކީ ޖަޒުބާތީ މެޗަކަށް އޭނާއަށް ވާނެ ކަމަށްވެސް އެންރީކޭ ބުނެފައިވެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު