އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ޔުނައިޓެޑް ދަނޑުގައި މިރޭ ކުޅުނު މެޗު އެއްވަރުވުމާ އެކު ލިވަޕޫލަށް ވަނީ ލީގު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. ލިވަޕޫލަށް 31 މެޗުން 71 ޕޮއިންޓް ލިބިފައެވެ. އެޓީމާ އެއްވަނައިގައި އޮތް އާސެނަލާ މެޗުގެ އަދަދުވެސް، ޕޮއިންޓްގެ އަދަދުވެސް އެއްވަރުވެފައި އޮތް އިރު، އާސެނަލް އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ފަރަގުންނެވެ. އާސެނަލް ފައިދާ 51 ގޯލާ އެކު އޮތް އިރު، ލިވަޕޫލަށް ހޯދިފައި ވަނީ ފައިދާ 42 ގޯލެވެ.

ޔުނައިޓެޑުން މިރޭ ލިވަޕޫލް އަތުން ޕޮއިންޓެއް ހޯދި އިރު، އެޓީމަށް 31 މެޗުން ލިބިފައި ވަނީ 49 ޕޮއިންޓެވެ. ޔުނައިޓެޑް އަދިވެސް ހަ ވަނައިގައި އޮތް އިރު، ނިއުކާސަލް އާއި ޗެލްސީ އަދި ވެސްޓް ހަމް ދަނީ ޔޫރަޕްގެ ޖާގައަކަށް ވާދަކުރަމުންނެވެ.

މިރޭ މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށް، ލިވަޕޫލުން ވަނީ ވަރަށް ރަނގަޅަށް މެޗު ޑޮމިނޭޓް ކޮށްފައެވެ. އެޓީމުގެ ފަރާތުން ފުލުފުލުގައި ހަމަލާތައް އުފައްދަމުން ދިޔަ އިރު، ލިވަޕޫލް އަތުން ފުރުސަތުތައް ގެއްލިގެން ދިޔައެވެ. އެޓީމުން ކުރި އެޓޭކްތަކުގައި މެޗުގެ 23 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ކޯނަރަކުން ނެގި ހުރަހެއްގައި، ޑާވިން ނުނިއޭޒް ޖައްސާލި ބޯޅަ، ގޯލަށް ވައްދާލީ ލުއިސް ޑިއާޒެވެ.

އޭގެ ފަހުން ޑިއާޒަށް ހުސް ފުރުސަތެއް ލިިބި ބޭކާރުވި އިރު، މުހައްމަދު ސަލާހް ގޯލަށް އަމާޒުކޮށް ފޮނުވާލި ދެ ހަމަލާއެއްވެސް ވަނީ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ މަތަކޮށްފައެވެ. އަދި ހާފު ނިމެން ދަނިކޮށް ނުނިއޭޒް ޖެހި ބޯޅަވެސް މަތަކުރީ އޮނާނާއެވެ.

ފުރުސަތުތައް ބޭކާރުވެ، ދެވަނަ ހާފަށް ނުކުތް ލިވަޕޫލަށް ދެވަނަ ހާފުގައި އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުގެ 50 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ދުރުން ފޮނުވާލި ބޯޅައަކުން ޔުނައިޓެޑް އެއްވަރު ކުރި އިރު، ކޯބީ މައިނޫ ވަނީ 67 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑުވެސް ނަގައިދީފައެވެ. އެ ގޯލު އޭނާ ޖެހީ އޭރިއާ އަރިމަތިން ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ލިވަޕޫލްގެ ހާލަތު ގޯހުން ގޯހަށް ދަނިކޮށް، އެޓީމަށް އެއްވަރު ކުރެވުނީ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ހާވީ އެލިއަޓަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ސަލާހެވެ.