ކުށްކުރާ ކޮންމެ ކުއްޖަކު ޖަލަށްލާނަމަ އުފެދިގެން އަންނާނީ ކުށްވެރިންގެ ޖީލެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިން އުޅޭ ކަމަށާއި އެފަދަ ކުދިން ލައްވައި ކުށުގެ ޒިންމާ ނެގުމުގެ ބަދަލުގައި ކުރަނީ އެ ކުދިންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކަމަށެވެ.
"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާއެވެ. އަދަބެއް ނޫނެވެ. ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީ ވެސް މިކަމުގައި އޮތް ހައްލެއް ނޫނެވެ. އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފި ނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެކެވެ" ޝަމީމު ވިދާޅުވިއެވެ.
ކުށްކުރާ ކުދިންނަށް އަދަބު ދިނުމުގެ ގޮތުން ޖަލަށްލާނަމަ އެ ކުދިން ކުށުގެ ވެށިން ސަލާމަތްވެ ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެ ކަމަށް ޝަމީމު ވިދާޅުވިއެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުން ކަމަށް ޝަމީމު ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ ކުށްކުރާ ކުދިންނަށް ބޭނުންވާ ރިހިބިލިޓޭޝަން ފޯރުކޮށްދެވޭނެ ނިޒާމެއް ރާއްޖޭގައި އެބައޮތް ކަމަށެވެ.
"މިކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިއްބެވެ. ކުށްކުރާ އުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެ ނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށެވެ" ޝަމީމު ވިދާޅުވިއެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް، ކުދީންތަކެއް އަނިޔާކުރާ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައިވަނީ، ގާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމަށާއި އެހެންވެ، 2019 ވަނަ އަހަރު ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ގާނޫނެއް ފާސްކުރެވި 2020 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އުޝާމް ވިދާޅުވެފައިވަނީ އެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ހަތަރު އަހަރުވީ އިރު، އެ ގާނޫނުގެ ދަށުން ދައުލަތުން ހަދަން ޖެހޭ ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެ ގާނޫނުގެ ދަށުން ކުރަން ޖެހޭ ގިނަ ކަންކަން ހުރީ ނުކޮށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އެގޮތުން އެއް ކަމަކަށް ކުޑަކުދިންގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައި މިއޮތް ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލުކުރުމަށް ސަރުކާރުން މިވަނީ ނިންމާފައި،" އުޝާމް ވުދާޅުވިއެވެ.
އުޝާމް ވިދާޅުވީ، ޑިޓެންޝަން ސެންޓަރަކަށް ކުޑަކުއްޖަކު ގެންދާނަމަ، ކޯޓު އަމުރެއް ބޭނުންވާ ކަމަށާއި ނަމަވެސް އެ އަމުރު ހޯދަން ދާން ޖެހެނީ ކޮން ކޯޓަކަށް ކަމެއް ގާނޫނުން ސާފެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު