މި މަހަށް އިއުލާނުކުރި ފީފާ ރޭންކިންގައިވެސް 161 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.
ފީފާއިން ގައުމީ ފުޓުބޯޅަ ޓީމުތައް ރޭންކް ކޮށް، ކޮންމެ މަހަކު އެއްފަހަރު ތަފާސް ހިސާބު އިއުލާނުކުރާ އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެ އޮތީ 161 ވަނައިގައެވެ. އެ މަގާމުގައި ރާއްޖެ އޮންނަތާ މިހާރު ވަނީ ފަސް މަސް ވެފައެވެ.
މިހާރު ރާއްޖެ އޮތީ ރޭންކިން އެވަރެޖަށް ބަލާ އިރު ދަށްކޮށެވެ. މީގެ ކުރިން ރާއްޖެ ފީފާ ރޭންކިންގައި އެންމެ ފަހަތަށް ދިޔައީ 1997 ވަނަ އަހަރު، ސެޕްޓެމްބަރު މަހުއެވެ. އެފަހަރު ރާއްޖެ ވަނީ 183 ވަނައަށް ވެއްޓިފައެވެ. ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި، ރޭންކިންގެ އެންމެ ކުރިއަށް ޖެހިލީ 126 ވަނަ އަށެވެ. އެއީ 2006 ވަނަ އަހަރުއެވެ. ރާއްޖޭގެ އެވަރެޖް ރޭންކިންއަކީ 155 ވަނައެވެ.
މިދިޔަ މަހާއި އޭގެ ކުރީ މަހުވެސް ރާއްޖެއިން ފީފާ ދުވަސްތަކުގައި މެޗެއް ކުޅެފައި ނުވާ އިރު، ރާއްޖޭގެ ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއް މިހާރު ނުހިނގައެވެ. ރާއްޖޭގެ ކްލަބު ފުޓުބޯޅަވެސް އެއްކޮށް މިހާރު އޮތީ ހުއްޓިފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޮތީ އިދާރީ ކަންކަން ބޮއްސުއްލައިގެން ގޮސް، އެފްއޭއެމްގެ އެންމެ މަތީ ފަންތިއަށް ކޯޅުން ބޮޑުކޮށްފައި އޮތުމެވެ.
މި ސަރަހައްދުގެ އެހެން ގައުމުތަކުގައި މިދިޔަ މަހެއްހާ ދުވަހު ފުޓުބޯޅައިގެ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ. ހާއްސަކޮށް ސާފް ސަރަހައްދުގެ ގައުމީ ޓީމުތައް ފެނުނީ މެޗުތައް ކުޅުނުތަނެވެ. ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް އަދި ޕާކިސްތާނުން، ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅުނު އިރު، ބޫޓާނާއި ސްރީ ލަންކާއިން ވަނީ ލަންކާގެ ފީފާ ސީރީސް މުބާރާތުގައި ކުޅެފައެވެ.
ރާއްޖެއަށްވުރެ ކުރިން އިންޑިއާ 121 ވަނައިގައި މިވަގުތު އޮތް އިރު، ދެން އޮތް ސާފްގެ ގައުމުތައް އޮތީ ރާއްޖެއަށްވުރެ ރޭންކިން ދަށްކޮށެވެ. ބަންގްލަދޭޝް 184 ވަނައިގައި އޮތް އިރު، ބޫޓާން އޮތީ ރޭންކިންގެ 185 ވަނައިފައެވެ. ޕާކިސްތާން މިވަގުތު 195 ވަނައިގައި އޮތް އިރު، ސަސްޕެންޝަނުން ދާދިފަހުން ސަލާމަތްވި ލަންކާ އޮތީ ރޭންކިން 204 ވަނައިގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު