ފްރާންސްގެ ގަދަބާރު ޕީއެސްޖީން ރޭ ކުޅުނު ފްރެންޗް ކަޕްގެ ސެމީ ފައިނަލުގައި ރެން ކައިރިން މޮޅުވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން ރެން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ޕީއެސްޖީއަށް ހަމައެކަނި ގޯލު ޖަހައިދިނީ އެޓީމުގެ ފްރާންސް ފޯވަޑް ކިލިއަން އެމްބާޕޭއެވެ. މިއަހަރުގެ ފްރާންސް ކަޕްގެ ފައިނަލުގައި ޕީއެސްޖީ ނުކުންނަން ޖެހޭނީ ލިޔޯންއާ ދެކޮޅަށެވެ. ލިޔޯންއިން ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ވަލެންސިއެނޭސް ބަލިކޮށްފައެވެ.
ލިޔޯންއާއި ޕީއެސްޖީ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެމްބާޕޭއަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލި ނަމަވެސް، އެ ބޯޅަ ވަނީ ރެންގެ ގޯލްކީޕަރު ސްޓީވް މަންޑަންޑާ މަތަކޮށްފައެވެ. އެ ޕެނަލްޓީގެ އިތުރުންވެސް އެމްބާޕޭ ޖެހި ބާރު ހަމަލާއެއް މަންޑަންޑާ ވަނީ މަތަކޮށްފައެވެ.
އެމްބާޕޭގެ ނުރައްކާ ބޮޑުވަމުން ގޮސް، އޭނާގެ މަސައްކަތް ކާމިޔާބުވީ މެޗުގެ 40 ވަނަ މިނެޓުގައެވެ. މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ އެމްބާޕޭ، ދުރުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ރެންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
މީގެ ކުރިން 13 ފަހަރަށް ޕީއެސްޖީން ފްރެންޗް ކަޕް ހޯދާފައިވާ އިރު، އެންމެފަހުން އެޓީމުން ކަޕް ކާމިޔާބުކުރީ 2020-21 ވަނަ އަހަރުގެ ސީޒަނުގައެވެ. މި ސީޒަނުގައި ޕީއެސްޖީއަށް، ލީގާއި ޗެމްޕިއަންސް ލީގު އަދި ކަޕް ކާމިޔާބުކުރުމުގެ ފުރުސަތުވެސް އަދި އެބައޮތެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ