އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި ބްރައިޓަން ކައިރިން 2-1 އިން މޮޅުވި އިރު، އާސެނަލާ މެންޗެސްޓާ ސިޓީ ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށް، ލީގު ތާވަލުގެ އެއްވަނައަށް ވަނީ ޖެހިލައިފައެވެ. އެއީ 29 މެޗުން 67 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އާސެނަލް އާއި ތިންވަނައިގައި އޮތް ސިޓީ މިރޭ ކުރިމަތި މެޗު އެއްވަރުވުމާއެކު، އާސެނަލް ދެވަނައިގައި އޮތީ 29 މެޗުން 65 ޕޮއިންޓާ އެކުގައެވެ.
ލިވަޕޫލުން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ދެވަނަ މިނެޓުގައި ބްރައިޓަންއިން ވަނީ ލީޑު ނަގައި، ލިވަޕޫލް މާޔޫސް ކޮށްލައިފައެވެ. އާސެނަލަށް ކުރިން ކުޅުނު ފޯވަޑް، ޑެނީ ވެލްބެކް ޖެހި އެ ގޯލުން ލީޑު ނަގައި ބްރައިޓަން ރަނގަޅަށް މެޗު ފެށި ނަމަވެސް، ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ މެޗު އެއްވަރުކޮށްފައެވެ. ލިވަޕޫލްގެ ގޯލު ޖަހައި ދިނީ ލުއިސް ޑިއާޒެވެ.
ދެވަނަ ހާފަށް ނުކުމެވެސް ލިވަޕޫލުން ރަނގަޅަށް ކުޅެ، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އިތުރު ކުރިއެވެ. މުހައްމަދު ސަލާހަށް ރަނގަޅު ދެ ފުރުސަތެއް ލިބި އޭނާ އަތުން ބޭކާރު ވެގެން ދިޔައިރު، ޑާވިން ނުނިއޭޒް ޖެހި ބޯޅަވެސް އަމާޒުވީ ބްރައިޓަން ކީޕަރު އަތަށެވެ.
ލިވަޕޫލުން ކުރަމުންދިޔަ ނުރައްކަލުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމަށް ލީޑު ނެގުނީ، 65 ވަނަ މިނެޓުގައެވެ. އެލެކްސިސް މެކް އަލިސްޓާ ދިން ޕާސް އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލައި، ސަލާހް ބޯޅަ ނިންމާލީ ސީދާ ގޯލުގެ ކަނަށެވެ.
އާސެނަލާ ސިޓީ މިރޭ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު، މި ސީޒަނުގެ ތައްޓާ ގުޅިފައި އޮތްއިރު، އެ މެޗު ގޯލެއް ނުޖެހި ނިމުންވީ ދެ ޓީމަށްވެސް މާޔޫސް ކަމަށެވެ. ލީގުގައި ބާކީ ހަތް މެޗު ލިވަޕޫލާއި އާސެނަލް އަދި ސިޓީއަށްވެސް އޮތް އިރު، މި ވަގުތު ލީގު ތަށީގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ލިވަޕޫލަށެވެ.
ސިޓީއާއި އާސެނަލް ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ބޮޑަށް ކޮންޓްރޯލްކޮށް ކުޅުނު ނަމަވެސް އެ ޓީމަށް ހަމަލާތައް އުފައްދަން އުނދަގޫތަކެއް ކުރިމަތިވިއެވެ. އަނެއްކޮޅުން އާސެނަލް ކައުންޓާގައި ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި އިރު، ފުރަތަމަ ހާފު ނިމުނީ މާބޮޑު ނުރައްކަލެއް ނެތިއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ސިޓީން އާސެނަލްގެ ފަހަތް ފޫއަޅުވާލަން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާއިރު، މެޗު ނިމުނީ ދެ ޓީމުގެ އެޓޭކްލައިނަށްވެސް މާބޮޑު ކާމިޔާބީއެއް ނުލިބިއެވެ. މިއީ 2021 ވަނަ އަހަރު އޮކްޓޯބަރު މަހަށްފަހު ސިޓީއަށް އަމިއްލަ ދަނޑުގައި ގޯލެއް ނުޖެހި، ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު