ބައިނަލްއަގުވާމީ މެޗުތަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްވެސް އެއްވަރު ވެއްޖެއެވެ.

ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ބާންލީ ކައިރިން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާންލީގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކި ނަމަވެސް، ޗެލްސީއަށް ތިން ޕޮއިންޓް ހޯދޭ ގޮތެއް ނުވިއެވެ. މެޗުގައި ޗެލްސީން ދެފަހަރަށް ލީޑު ނަގައި، ލީޑު ގެއްލުވާވެސްލިއެވެ.

ރޭ ދަންވަރު ޔުނައިޓެޑުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ދެ ގޯލުވެސް ފެނުނީ ފަހު މިނެޓް ކޮޅުގައެވެ.

ޗެލްސީ އަދިވެސް ތާވަލުގެ 11 ވަނައިގައި އޮތް އިރު، އެޓީމަށް 28 މެޗުން ލިބިފައި ވަނީ 40 ޕޮއިންޓެވެ. ރޭ ޕޮއިންޓެއް ލިބުނު ޔުނައިޓެޑަށްވެސް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވާން އުނދަގޫ ހާލަތެއް އޮތް އިރު، މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އެއީ 29 މެޗުން 48 ޕޮއިންޓާއެކުގައެވެ.

ޗެލްސީ މެޗުގައި އެޓީމުން ފުރަތަމަ ލީޑު ނެގީ ޕެނަލްޓީއެއްގައެވެ. މީހައިލޯ މުޑްރީކަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ލޮރެންޒް އަސިނޮންނަށް ރެފްރީ ދެވަނަ ރީނދޫ ކާޑެއް ދައްކައި ރަތް ކާޑު ދެއްކިއެވެ. އެ ކާޑާ މެދު ބާންލީން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި، ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ޝަކުވާ ކޮށްފައެވެ. އެ ޝަކުވާތަކާއެކު ރެފްރީ ވަނީ ކޮމްޕެނީއަށްވެސް ރަތް ކާޑު ދައްކައިފައެވެ.

ޗެލްސީއަށް ލިބުނު ޕެނަލްޓީގައި ކޯލް ޕާމާ ގޯލު ޖަހައި ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ބާންލީން އެއްވަރުކުރިއެވެ. އެ ގޯލަކީ ޖޯޝް ކުލެން ޖެހި ހިތްގައިމު ގޯލެކެވެ. ޗެލްސީން ޕާމާގެ އިތުރު ގޯލަކުން ލީޑު ނެގީ ނަމަވެސް، ޑަރާ އޯޝެއާ ކޯނަރަކަށް އަރައި ޖެހި ގޯލުން ބާންލީ މުހިއްމު ޕޮއިންޓެއް ހޯދިއެވެ.

ޔުނައިޓެޑުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގެ ފަހު މިނެޓު ކޮޅާ ޖެހެންދެން ގޯލެއް ނުފެނި ދިޔަ ނަމަވެސް، ހަމަލާތައް ގިނައެވެ. އިވާން ޓޮނޭ އާއި ބްރައިން އެމްބުއޭމީގެ ނުރައްކާ ބްރެންޓްފޯޑުގެ ފަރާތުން ފެނިގެން ދިޔަ އިރު، ޔޯނޭ ވީސާ ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

އަނެއްކޮޅުން ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑަށް ލިބުނު ފުރުސަތުވެސް ފާހަގަކޮށްލެވުނު އިރު، އެޓީމުގެ ގޯލު މެޗުގައި ޖެހީ މޭސަން މައުންޓެވެ. 96 ވަނަ މިނެޓުގައި މައުންޓް ޔުނައިޓެޑަށް ލީޑު ނަގައިދިން ނަމަވެސް، ބްރެންޓްފޯޑުން ވަނީ 99 ވަނަ މިނެޓުގައި އެއްވަރު ކޮށްފައެވެ. އެ ގޯލު ޖެހީ ކްރިސްޓޮފާ އަޖާއެވެ.