ކުރީ ސަރުކާރުގައި ބޭރުގެ ގައުމަކަށް ތަމްރީނަށް ވެސް ފޮނުވެނީ އެހެން ގައުމެއްގެ އެމްބަސީގައި ހުންނަވާ ސަފީރެއްގެ ހުއްދަ ހޯދައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުގައި އެހެން ގައުމެއްގެ އެމްބަސީގެ ސަފީރެއްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެއީ ކޮން ގައުމެއްގެ ސަފީރެއް ކަމެއް އެމަނިކުފާނު ވިދާޅުވެފައެއް ނުވެއެވެ. ކުރީ ސަރުކާރުގައި އެންމެ ބޮޑު ގުޅުމެއް ބާއްވަމުންދިޔައީ އިންޑިއާއާއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު)ގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ ވެރިކަމާއި މިނިވަންކަމާ ތޮޅުނު ދުވަސްތަކެއް އައިސް މެދުކެނޑުންތަކެއް ދިޔަ ނަމަވެސް، ރާއްޖެއަކީ ފަހުރުވެރިކަމާއެކީގައި މިނިވަންކަންމަތީ އޮތް ގައުމެއް ކަމަށެވެ.
"އެހެންނަމަވެސް މި ވޭތުވެދިޔަ ފަސް އަހަރުގެ ދައުރުގައި އަޅުގަނޑުމެންގެ ގައުމު ފެނިގެންދިޔައީ ރަސްމީކޮށް ލިޔެކިޔުމުގައި ސިޔާސީ މިނިވަންކަން އޮތް ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް، އަމަލީގޮތުން މިނިވަންކަން ގެއްލިފައި އޮތް ގައުމެއްގެ ގޮތުގައި. އަމަލީގޮތުން އޮތީ މިނިވަންކަން ގެއްލިފައޭ މި ދަންނަވަނީ ވަކި އެމްބަސީއެއްގައި ހުންނެވި ވަކި ހައި ކޮމިޝަނަރަކު ވިދާޅުވާ ގޮތަށް ނޫން ގޮތަކަށް ނޫނިއްޔާ ބޭރު ގައުމަކަށް ޓްރޭނިންއަކަށް ވެސް މީހަކު ނުފޮނުވޭ ހިސާބުގައި ގައުމުގެ ކަންކަން އޭރު އޮތީ. ހަނދާން ނެތޭހާ ދުވަހެއް ނުވޭ ނޫންތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދާން ރައްޔިތުން ނިންމީ ގައުމު އޭރު އޮތް ހިސާބު ކަމުނުގޮސްގެން ކަމަށާއި އޭރު ހުރިހާ މަގަކުން ވެސް ރާއްޖެ އޮތީ އަޅުވެތިވެފައި ކަމަށެވެ. އަދި ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމުގެ ފުރުސަތުދީ، އޭރު އިގުތިސާދު އޮތީ އަތުނުޖެހޭ ހިސާބަށް ދަރަނިވެރިކަމުގެ ތެރެއަށް ގޮސް ހުސްވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭރު އަޅުގަނޑުމެންގެ އަމިއްލަވަންތަކަމެއް ނެތް، ބަލި މީހަކު އުފުލާލަން ވިޔަސް އެހެން ބައެއްގެ އެހީތެރިކަން ހޯދައިދޭން ޖެހިފަ އޮތީ، އަޅުގަނޑުމެންގެ ކުންފުނިތައް އޮތީ ބަނގުރޫޓުވެފައި، ފައިސާ ޗާޕުކުރީ އިންތިހާއަށް. އޭގެ ކުރީ 40 އަހަރު ޗާޕުކުރީ 6000 މިލިއަން ރުފިޔާ، އެ ފަސް އަހަރު އެކަނި 8000 މިލިއަން ރުފިޔާ ޗާޕުކުރި. އެހާ ބޮޑަށް ފައިސާގެ އަގު ވައްޓާލައި، ޑޮލަރުގެ އަގު މިހާރު އެ ހުރި ހިސާބަށް ދިޔައީ. އަޅުގަނޑުމެން އިރާދަކުރެއްވީތީ ފައިސާ ޗާޕުކުރުން ހުއްޓާލީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލައި، އިގުތިސާދު ހަމަމަގަށް ގެނައުމުގެ މަސައްކަތް ފަށާފައި އޮތުމުގެ ސަބަބުން މިހާރު އެވަނީ ފައިސާގެ އަގު ހިފެހެއްޓިފައި ކަމަށާއި ޑޮލަރުގެ އަގު ވެސް މިހާރު ހިފެހެއްޓި ތިރިވަމުންދާ ކަމަށެވެ. އަދި ފައިސާ ޗާޕުނުކޮށް ބޭރުގެ ދަރަނި ވެސް މިހާރު ދެއްކެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު