ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފުލުހަށް ހާޒިރުކުރީ ސިޔާސީ ވިސްނުމެއްގައި ނޫންކަން ހޯމް މިނިސްޓަރު އަލީ އިހުސާންގެ ފަރާތުން ޔަގީންކަން ހޯއްދަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ، 2022 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒު ވިދާޅުވެފައިވަނީ، އާރުޑީސީއަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލައާ އޭނާއާ ގުޅުވުމަށް ރައީސް މުއިއްޒު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް އަންގަވާފައި ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލަން ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ވެސް ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނަން ޖެހޭ ކަމަށް ދަންނަވާފައިވާނެ ކަމަށާއި ސިޔާސީ ބޭފުޅަކަށްވީތީ އެމީހުންނަށް ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ސިޔާސީ މަގާމެއްގައި ހުރި ބޭފުޅެއް ނުވަތަ ސިޔާސީ ބޭފުޅަކަށްވީތީ އުނދަގޫތަކެއް ކުރިމަތި ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ޕޮލިހަށް ހުށަހެޅިގެން އެ އުޅެނީ ކުރީގެ މިނިސްޓަރު ފައްޔާޒްގެ މައްސަލައެއް. އަޅުގަނޑު ޕާސަނަލީ ހޯމް މިނިސްޓަރަށް ގުޅާފައި ދެންނެވިން 100 ޕަސަންޓް ޔަގީންކަން އަޅުގަނޑަށް އެބަ ބޭނުންވެއޭ މީގައި އެއްވެސް ވަރެއްގެ ޕޮލިޓިކަލް ވިސްނުމެއް ނެތްކަން. ދެން އަޅުގަނޑަށް މިނިސްޓަރު ފުރިހަމަ ޔަގީންކަން ދެއްވި، އަދި އަޅުގަނޑު ދެންނެވިން އިންވެސްޓިގޭޝަން ގާނޫނީ ހަމަތަކުގެ މަތިން މިނިސްޓަރަށް ބެއްލެވޭނެ އެންމެ ގާތުން ބައްލަވަންވާނެއޭ މީގައި އެއްވެސް ސިޔާސީ އިންޓެންޝަނެއް ނެތި އެ އޮންނަ ޓެކްނިކަލް ގޮތުން އެކަމެއް ބަލަން ޖެހޭ ގޮތަކަށް ޕްރޮފެޝަނަލީ ގެންދަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕްރޮފެޝަނަލްކޮށް އެކަން ކުރަމުންދާކަން ޔަގީންކުރައްވަމުން ގެންދަވާނެ ކަމަށާއި ސިޔާސީ ވިސްނުމެއްގައި މީހަކު ހައްޔަރުކޮށް، ސުވާލު ވެސް ނުކުރާނެ ކަމަށެވެ. ނަމަވެސް މައްސަލައެއް ހުށަހެޅިއްޖެއްޔާ އެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެގޮތަށް ގެންދިއުމަކީ ލޯ އެންޑް އޯޑާ ހިނގާ ގައުމެއްގައި ޑިމޮކްރަސީގައި ގާނޫނުއަސާސީ ހިންގާ ކަމަށްވަންޏާ ގާނޫނީ ވެރިކަން ހިނގަން ޖެހޭނެ. އެހެންވީމާ އެގޮތުން މީހެއްގެ މައްސަލަ ބަލަން ޖެހިއްޖެއްޔާ އެއީ ކުރަން ޖެހޭނެ ކަމެއް. އެކަމަކު ސިޔާސީ މީހަކަށް ވެގެން އެއްވެސް މީހަކު ގެންދިއުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެހެންވީމާ އަޅުގަނޑު ވަރަށް ގާތުން އެކަން އެބަ ބަލަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2022 ވަނަ އަހަރު އާރުޑީސީގެ ތެރެއިން ހިންގި ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހެޅީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެ ހިޔާނާތާ ގުޅޭ މައުލޫމާތުދިނުމަށް، މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ އާރުޑީސީގެ ހިޔާނާތުގެ ތެރެއިން ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ފައިސާ ޖަމާވި އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ބޭފުޅުންގެ އެކައުންޓުތަކަށް ނުވަތަ ސަރުކާރުގެ ބައިވެރިވުން އޮތް އިސް ފަރާތްތަކުގެ ކުންފުނިތަކަށްވެސް ފައިސާ ފޮނުވާފައި އެބަހުއްޓެވެ.
އެހެންވެ ކުރީ ސަރުކާރުގެ އިސް ފަރާތްތަކަށާއި އެ ފަރާތްތަކާ ގުޅުންހުރި ވިޔަފާރިތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވި މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު