ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން 2022 ވަނަ އަހަރު ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ކުރާ ތުހުމަތަކީ އަސާސެއް ނެތް ސިޔާސީ ތުހުމަތެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެ މައްސަލައިގައި ފައްޔާޒް ފުލުހަށް ހާޒިރުކުރުމަށް އޭނާއަށް ވަނީ ޗިޓު ފޮނުވައިފައެވެ. ޗިޓުގައި ބުނެފައިވާ ގޮތުން ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ 3:00 ޖަހާއިރަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.
އެކަމާ ގުޅޭގޮތުން ފައްޔާޒް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް އެ ތަހުގީގަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
"އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ. އާރުޑީސީން ހިޔާނާތެއް ވެއްޖެ ކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން. އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ ފުލުހަށް ހާޒިރުކުރަނީ އާރުޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، ހިންގާފައިވާ ހިޔާނާތުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2022 ވަނަ އަހަރު އާރުޑީސީގެ ތެރެއިން ހިންގި ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހެޅީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
އެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އާރުޑީސީގެ ހިޔާނާތުގެ ތެރެއިން ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ފައިސާ ޖަމާވި އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ބޭފުޅުންގެ އެކައުންޓުތަކަށް ނުވަތަ ސަރުކާރުގެ ބައިވެރިވުން އޮތް އިސް ފަރާތްތަކުގެ ކުންފުނިތަކަށްވެސް ފައިސާ ފޮނުވާފައި އެބަހުއްޓެވެ.
އެހެންވެ ކުރީ ސަރުކާރުގެ އިސް ފަރާތްތަކަށާއި އެ ފަރާތްތަކާ ގުޅުންހުރި ވިޔަފާރިތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވި މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު