ރޭ ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގައި ސްޕެއިނާއި ބްރެޒިލް އެއްވަރުވެއްޖެއެވެ.
ރެއާލް މެޑްރިޑްގެ ސަންތިއޭގޯ ބާނަބޭއޫގައި ރޭ ސްޕެއިނާއި ބްރެޒިލް ކުރިމަތިލި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗު ރަނގަޅަށް ފެށީ ސްޕެއިނުންނެވެ. ސްޕެއިނުން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސްޕެއިނަށް ލީޑު ނަގައިދިނީ ރޮޑްރީއެވެ. އެ ގޯލާއެކު ރަނގަޅަށް ފެށި ސްޕެއިނުން ވަނީ މެޗުގެ 36 ވަނަ މިނެޓުގައި ދެވަނަ ގޯލެއްވެސް ޖަހައިފައެވެ. އެ ގޯލު ޖެހީ ޑެނީ އޮލްމޯއެވެ.
މެޗަށް އަނބުރާ ވަނުމަށް ބްރެޒިލުން ކުރި މަސައްކަތުގައި އެޓީމުން ވަނީ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައިފައެވެ. ބްރެޒިލްގެ ފުރަތަމަ ގޯލު ޖެހީ ރެެއާލްގެ ފޯވަޑް ރޮޑްރީގޯއެވެ. މެޗުގެ ދެވަނަ ހާފަށް ބްރެޒިލުން އެންޑްރިކް ކުޅެން ނެރެފައިވެއެވެ. މިއީ އޭނާ ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އުމުރުން 17 އަހަރުގެ އެންޑްރިކް، 18 އަހަރު ފުުރުމުން ރެއާލަށް ބަދަލުވާން ނިންމާފައިވާ އިރު، އަންނަ ހޫނު މޫސުމުގެ ޓްރާންސްފާއަށްފަހު އެންޑްރިކްގެ ކްލަބު ހޯމަކަށް ވާނީ ރޭ ކުޅުނު ސަންތިއޭގޯ ބާނަބޭއޫއެވެ.
އެންޑްރިކް ކުޅެން ނުކުމެ، މާ ގިނައިރެއް ނުވަނީސް އޭނާ ވަނީ ބްރެޒިލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ރޭގެ މެޗުގެ ކުރިން އިންގްލެންޑް ކޮޅަށްވެސް ގޯލު ޖެހި އެންޑްރިކް ރޭގެ މެޗުގައިވެސް ގޯލު ޖަހައިފައިވާ އިރު، އެއީ ގައުމީ ޓީމަށް ޖެހި ދެވަނަ ގޯލެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ސްޕެއިނަށް ލިބުނު އިތުރު ޕެނަލްޓީއަކުން ރޮޑްރީ އަނެއްކާވެސް ސްޕެއިނަށް ލީޑު ނަގައިދިން އިރު، ބްރެޒިލުން އެއްވަރުކުރީ 96 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ލޫކަސް ޕަކޭޓާއެވެ.
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް