ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމަށް ރޭ އިންތިހާބުވެވަޑައިގެންނެވި ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ)ގެ ވިސްނުމަކީ ވޮލީއަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި ރަނގަޅު ވަސީލަތްތަކެއް ގާއިމުކުރުމަށް މަސައްކަތްކުރެއްވުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އޯޓީޕީ ބައި ސޮލައިޓްގައި ރޭ ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ލަތީފް ވީއޭއެމްގެ ރައީސަށް އިންތިހާބުވެވަޑައިގެންނެވީ، މިހާރު ހިނގަމުންދާ ވޮލީ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ދައުރުގައި ބާކީ އޮތް އަހަރަށެވެ.
ރޭ އިންތިހާބުވެވަޑައިގެންނެވި އާ ރައީސް، ލަތީފް ވަނީ މީގެ ކުރިން 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފައެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.
އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ)، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
ވީއޭއެމްގެ ރައީސް ލަތީފް "ވަން ސްޕޯޓްސް"އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާގެ ވިސްނުން ހިއްސާކުރައްވާފައިވާ އިރު، ލަތީފް ވިދާޅުވީ ވިސްނާނީ ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި ކުރިއަށްދިއުމަށް ކަމަށެވެ.
"މިއަހަރު އަޅުގަނޑުމެން މަސައްކަތް ކުރާނީ މިހާރު މި ހިނގަމުންދާ ހިންގާ ކޮމިޓީން ކުރިން ނިންމާފައި އޮތް މަސައްކަތްތައް ކުރިއަށް ގެންދަން. އޭގެ އިތުރުން ހަމަ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އެކުލަވާލައި އެ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ. އޭގެ އިތުރުން ޒުވާން ޓީމުތައް އެކުލަވާލައި ވޮލީގެ ކުރިމަގަމަށް ރަނގަޅު މަސައްކަތްތަކެއް ފެށުމަށް ވިސްނާފައި މިހުރީ. އެ ކަންކަމުގެ ތެރެއިން ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް އަޅުގަނޑުމެން މިނިސްޓްރީއާވެސް އެކު މަސައްކަތް ކުރާނަން،" ލަތީފް ވިދާޅުވިއެވެ.
ވޮލީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ހާއްސަ ވަސީލަތެއް ގާއިމުވެފައި ނެތުން ކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަޑެމީތަކާއި ތަމްރީނުތަކަށް ހާއްސަ އެރީނާއެއް އޮންނަން ޖެހޭ ކަމަށެވެ.
"ވޮލީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ޗެލެންޖަކީ ކުޅޭނެ ރަނގަޅު ތަނެއް ނެތުން. ރާއްޖޭގައި ދެ ޖިންސުން އެންމެ ހަމަހަމަކޮށް، އެންމެ ގިނަ ބަޔަކު ކުޅެމުންދާ ކުޅިވަރު ވޮލީއަކީ. އެހެން އޮތް އިރުވެސް، މިކަމަށް ހާއްސަ ފެސިލިޓީއެއް ނެތް. އެހެންވީމަ މާލެ ސަރަހައްދުގައި ވޮލީއަށް ހާއްސަ އިންޑޯ ފެސިލިޓީއެއް، ޓްރެއިނިންނާއި އެކަޑެމީތައް ހިންގުމަށް އެޅޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު ވޮލީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުޅޭނެ ތަނެއް ނެތުން. ހަމަ އެގޮތަށް ބީޗުވޮލީއަށްވެސް ހާއްސަ އެރީނާއެއް ގާއިމުކުރުމަށް މަސައްކަތް ކުރާނަން. މި ރާއްޖެއަކީ އެންމެ ގިނަ ބީޗު އޮތް ގައުމު. އެހެންވީމަ ބީޗްވޮލީއަށް ހާއްސަ އެރީނާއެއް އޮންނަން ޖެހޭ،" ލަތީފް ފާހަގަކުރެއްވިއެވެ.
އަތޮޅު ތެރެއަށް ވޮލީގެ މަސައްކަތް ފުޅާކުރައްވަން ވިސްނަވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ތެރޭގައި ޕްރޮފޭޝަނަލް ލީގެއް ތައާރަފުކޮށް، އެ ލީގުގައި އަތޮޅު ތެރޭގައި ކައުލްސިލްތަކަކާއި ވޮލީގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ޝާމިލުކުރާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވޮލީގެ ކަންކަމަށް ގާތުން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ލީގު ކޮލިފިކޭޝަން ތެރެއިން އެންމެ މަތީ ފަންތިއަށް އަންނަން ކްލަބުތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.
ލަތީފް ގަބޫލުކުރައްވާ ގޮތުގައި ވީއޭއެމްގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެވި، މިހާރު އިދާރާގެ ކަންކަން އެއްކޮށް ކަހަލަ ގޮތަކަށް ރަނގަޅުވެއްޖެއެވެ. އެހެންކަމުން އޭނާއަށް އެސޯސިއޭޝަން ހިންގަން އޮތް އެންމެ ބޮޑު އެއް ފަސޭހައަކީ އެއީ ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ. އެގޮތުން ދެން ބާކީ ނުނިމި އޮތް ހަތަރު އަހަރުގެ އޮޑިޓް ނިންމަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ވީއޭއެމުން މިމަހުގެ 15 ގައި ފުރަތަމަ އިންތިހާބެއް ބާއްވަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމާއެކު އިންތިހާބު މަޑުޖައްސާލިއެވެ. އަދި އޭގެފަހުން ބާއްވަން މަސައްކަތް ކުރި އިންތިހާބު ބާއްވަން ކޮމިޝަނަރު ފުރުސަތު ދިނީ ޝަރުތުތަކަކާ އެކުގައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވީއޭއެމްގެ 2020، 2021، 2022 އަދި 2023ގެ އޮޑިޓް ރިޕޯޓްތައް އެކުލަވާލައި، އިންތިހާބީ އިޖުރާއަތްތައް ފުރިހަމަކުރުންވެސް ހިމެނެއެވެ.
އެ ޝަރުތުތަކާއެކު އަލުން އިއުލާނުކޮށް ރޭ އިންތިހާބު ބޭއްވި އިރު، 90 ދުވަހުގެ ތެރޭގައި އޮޑިޓް ހުށަހަޅަން ވަނީ ނިންމައިފައެވެ.
"ވީއޭއެމްއިން މިހާރު އޮޑިޓް ފާމެއް ހޯދައި، މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ތިން މަސް ތެރޭގައި ނިންމޭނެ ކަމަށް ބެލެވޭ. އަސްލު ހިންގާ ގަވާއިދުގައި އެކަން ނެތުމުން ކަންނޭނގެ މިދިޔަ ދައުރުގައި އެކަން ނުކޮށް އޮތީ. އެހެން ހިންގާ ގަވާއިދުގައި އޮތް ނަމަވެސް، މިނިސްޓްރީން ބޮޑެތި ހޭދަތަކެއް ކޮށްފައި އޮތުމުން އޮޑިޓެއް ހަދަން ޖެހޭކަމަށް އެބައޮވޭ. އެހެންވީމަ އެކަން ނިންމަން މަސައްކަތް ކުރާނަން،" ލަތީފް ވިދާޅުވިއެވެ.
ލަތީފް އެންމެފަހު ވާހަކައަކަށް ވިދާޅުވީ އިންތިހާބަށް އޮތް ވާދަވެރިކަމާއި ހިޔާލު ތަފާތުވުން ނިންމާލުމުގެ ވާހަކައެވެ. އަދި މިހާރު އޮތް ހިންގާ ކޮމިޓީއާއެކު ކުޅިވަރަށް ހިދުމަތް ކުރުމަށް އެންމެންވެސް އިސްކަން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން