ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމަށް، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ލަތީފް (ލަތީބެ) އިންތިހާބުކޮށްފިއެވެ.

އޯޓީޕީ ބައި ސޮލައިޓްގައި ރޭ ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ލަތީފް ވީއޭއެމްގެ ރައީސަށް އިންތިހާބުވީ، މިހާރު ހިނގަމުންދާ ވޮލީ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ދައުރުގައި ބާކީ އޮތް އަހަރަށެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދު ދާދިފަހުން އިސްލާހުކޮށް، މަގާމުތައްވެސް ބަދަލުކޮށްފައިވާ އިރު، ރޭ އިންތިހާބު ކުރީ އެއް އަސާސީ ގަވާއިދުން އަނެއް އަސާސީ ގަވާއިދަށް މައިގްރޭޓް ކުރި އިރު، ހުސްވެފައިވާ މަގާމުތަކެވެ. އެ މަގާމުތައް ދެމިގެންދާނީ ހަމަ މިހާރު އޮތް ބޯޑުގެ ދައުރު ނިޔަލަށެވެ.

ވީއޭއެމްގެ އިންތިހާބަށް މައްސަލަތަކެއް ދިމާވެފައިވާ އޮތް އިރު، ފުރަތަމަ އިއުލާން ކުރި އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު އެންގުމަށް ބާތިލުކުރިއެވެ. މި ފަހަރު އިންތިހާބަށް ފުރުސަތު ދިނީ ޝަރުތުތަކެއް ކޮށްފައެވެ. އެގޮތުން 90 ދުވަހުގެ ތެރޭގައި މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓު ފުރިހަމަ ކުރުންވެސް ހިމެނެއެވެ.

ރޭ ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، ވޮލީ އެސޯސިއޭޝަންގެ މެމްބަރު 10 ކްލަބްގެ ތެރެއިން އަށް ކްލަބް ބައިވެރިވިއެވެ. ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބިގެ މަންދޫބެއް އޮންލައިންކޮށް ބައިވެރިވި ރޭގެ ކޮންގްރެސްގައި، ކޮމިޝަނަރު އޮފް ސްޕޯޓްސްއާއި ކާވާ އޮބްޒާވަރުން ވެސް ބައިވެރިވިއެވެ.

ވީއޭއެމްގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން ދެ ފަހަރަށް އިއުލާން ކުރި އިރުވެސް ރައީސް ކަމަށް ކުރިމަތިލީ ލަތީފް އެކަންޏެވެ. އެހެން މަގާމުތަކަށްވެސް ކޮންމެ މަގާމަކަށް އެންމެ ބޭފުޅަކު ކުރިމަތިލާފައިވާތީ، އެ ފަރާތްތަކުގެ ކެންޑިޑެސީ ސައްހަވުމާއެކު، މަގާމަށް އިންތިހާބު ކުރަން ނިންމީ ފެންނަ ނުފެންނަ ވޯޓުންނެވެ.

  • ވައިސް ޕްރެޒިޑެންޓް ވޮލީބޯލް: އަލީ ލަތީފް
  • ވައިސް ޕްރެޒިޑެންޓް އިދާރީ: އިއްޒަތު ވަޙީދު
  • ވައިސް ޕްރެޒިޑެންޓް އަންހެން: އާއިދާ އަބްދުލްޙަކީމް
  • ހިންގާ ކޮމިޓީގެ މެމްބަރު: ފަތުހުﷲ ވަހީދު
  • ހިންގާ ކޮމިޓީގެ މެމްބަރު: ސަފްވާން އަހުމަދު
  • ހިންގާ ކޮމިޓީގެ މެމްބަރު: ސިޔާމް އަލީ
  • ހިންގާ ކޮމިޓީގެ މެމްބަރު: އާއިޝަތު ފަތީނަތު

ވޮލީ އެސޯސިއޭޝަން ހިންގެވުމުގެ ޒިންމާ ނެންގެވި، ލަތީފް ވަނީ، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ)، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ރަނޭ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވީއޭއެމްގެ ރައީސްގެ މަގާމުން އިސްތިއުފާދިންއިރު، ރޭ މަގާމުތަކަށް އިންތިހާބުވި ފަރާތްތަކުގެ ދައުރު އަންނަ އަހަރުގެ އޭޕްރީލް މަހަށް ހަމަވާނެއެވެ.