ޗައިނާގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހަދައިދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަންނަ އެޕްރީލް މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒަމީރުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާނެ ކަމަށެވެ. އެ މަސައްކަތަށް ޗައިނާގެ ފަރާތުން ހިލޭ އެހީ މިހާރު ލިބިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މާލޭގެ މަގުތައް ދެވަނަ މައްސަލައެއްގެ ގޮތުގައި ހައްލުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފަށަން ނިންމާފައި މިއޮތީ. ދެން ހަމަ ވަރަށް އުފަލާއެކީ ދަންނަވާލަން ބޭނުން ޗައިނާ ސަރުކާރުން ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފަ އޮތީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތާ ބެހޭ ކަމާގުޅޭ ޓީމު މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. މަގު ހެދުމުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތެއް ނިމުމުން މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މާލޭގެ މަގުތައް ހެދުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއު ހުއްޓާލީ އެ ސަރުކާރުން ކަމަށާއި އެ މަނިކުފާނު މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވުމުން، ކުރީ ސަރުކާރުން ވަނީ އޭރު ހިނގަމުން އައި މަޝްރޫއު ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކެންސަލްކޮށްފައި ކަމަށެވެ. އެއިރު އެ މަޝްރޫއަށް ވަނީ ބަޖެޓު ވެސް ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެއަށް ކަމެއް ކުރެވޭނީ މަޖިލީހަށް އެމްޑީޕީގެ މެޖޯރިޓީ ލިބިގެން ކަމަށް ބުނެ އެމްޑީޕީން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު