ޖަރުމަނުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ވަރުގަދަ ފްރާންސް ބަލިކޮށްފިއެވެ.
ފްރާންސްގައި ރޭ ކުޅުނު މެޗުގައި ޖަރުމަނުން ފްރާންސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ޖަރުމަނު މޮޅުވީ ދަށް ނަތީޖާތަކަކަށްފަހުއެވެ. ޖޫލިއަން ނާގެލްސްމަން ހަވާލުވިފަހުން ރޭގެ މެޗާ ހަމައަށް އުނދަގޫ ހާލަތެއްގައި ޖަރުމަނު އޮތް އިރު، ރެއަށް ކޯޗު ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. 2021 ވަނަ އަހަރު ޖަރުމަނު ގައުމީ ޓީމުން ރިޓަޔާކުރި ޓޯނީ ކްރޫސް، އަލުން ގައުމީ ޓީމަށް ރޭ ކުޅެން ނުކުމެފައިވާ އިރު، ރޭގެ ފުރަތަމަ 11 އިން އޭނާ ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ ހަތްވަނަ ސިކުންތުގައި ޖަރުމަނުން ރޭ ލީޑު ނެގިއެވެ. އުމުރުން 34 އަހަރުގެ ކްރޫސް ދުއްވާލި ބޯޅައަކުން އެ ގޯލު ޖަހައިދިނީ އުމުރުން 20 އަހަރުގެ ޒުވާން މިޑްފީލްޑަރު، ފްލޯރިއަން ވިޓްޒެވެ. އެ ގޯލަކީ ޖަރުމަނު ގައުމީ ޓީމުން ޖެހި އެންމެ އަވަސް އެއް ގޯލެވެ.
މީގެ ކުރިން 2013 ވަނަ އަހަރު އެކުއެޑޯ ކޮޅަށް ލޫކަސް ޕޮޑޮލްސްކީ ޖެހި ގޯލުވެސް ހަތް ވަނަ ސިކުންތުގައި ޖަހާފައިވާ އިރު، ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ އަވަސް ގޯލެއް ޖަހާފައި އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮސްޓްރިއާ މެޗުގައެވެ. އެގައުމުގެ ކްރިސްޓޮފް ބައުގާޓްނާ މެޗުގައި ގޯލު ޖެހީ ހަވަނަ ސިކުންތުގައެވެ.
ރޭގެ މެޗުގައި ޖަރުމަނުގެ ދެވަނަ ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އެ ގޯލު ޖަހައިދިނީ ކައި ހަވާޓްސްއެވެ. ކައިއަށް ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖަމާލް މުސިއާލާއެވެ.
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް