ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދީ ޝަރީއަތްތައް އަވަސްވާނެ ކަމަށް އުއްމީދު ކުރުމަކީ ބިމުގައި ހުރެފައި ހަނދުގައި އަތްލަން އުޅުން ފަދަ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ ސ. ހުޅުދޫ/ ދޭލިޔާގެ އިރުފާން ތަގިއްޔު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ކުރި އަމުރު ބާތިލުކޮށް ރިމާންޑް ޖަލެއްގައި އޭނާ ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އެ އަމުރުގެ ރައުޔު އިއްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ބަންދުގައި ތިބެންޖެހޭނެ ކަމަށާއި އެ މީހުން ބަންދުގައި ތިބެންޖެހޭ މައްސަލަ ހައްލުކުރެވެން ހުރީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކޯޓުތަކަށް ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށެވެ.

"ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައި ނުދީ، ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުއްމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް،" ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ދައުވާ ލިބޭ މީހާ ސިއްހީ ގޮތުން ކަމެއް ދިމާވެގެން ބަލިވުމަކީ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށާއި އެފަދަ ކަންކަމަށް އޮތް ހައްލަކީ އަވަހަށް ޝަރީއަތްކޮށް ނިންމާލުން ކަމަށެވެ. އަދި ބަންދު މުރާޖައާކުރުމުގެ މައިގަނޑު މަގުސަދަކީ ދައުވާ ލިބޭ ފަރާތްތައް އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ވަންދެން ބަންދުގައި ނުތިބޭނެ އުސޫލެއް ގާއިމުކުރުން ކަމަށްވެސް ވިދާޅުވިއެވެ.