ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ސްރީ ލަންކާ އާއި މެލޭޝިއާގެ އިތުރުން އިންޑިއާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ވަން" އަށް މިއަދު ވިދާޅުވީ، މީގެ ކުރިން މި މަހުގެ 17 ގައި ބާއްވަން އޮތް މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 އަށް ފަސްކުރުމުން ރީ- ރެޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރާއްޖޭން ބޭރުގައި ވޯޓުލާން ރެޖިސްޓްރީވީ ތިން ގައުމަކުން ކަމަށެވެ.

"ފަހުން ހުޅުވާލި ފުރުސަތުގައި އިންޑިއާގައިވެސް ފޮއްޓެއް ބެހެއްޓޭ ވަރަށް މިވަނީ މީހުން ހަމަވެފައި،" ފުއާދު ވިދާޅުވިއެވެ.

  • މެލޭޝިއާގައި ވޯޓު ލާން: 703 މީހުން
  • ސްރީ ލަންކާ: 306 މީހުން
  • އިންޑިއާ: 159 މީހުން

ފުއާދު ވިދާޅުވި ގޮތުގައި މިހާތަނަށް 11،000 ވުރެ ގިނަ މީހުން ވަނީ ރީ ރަޖިސްޓާވުމަށް އެދި ހުށަހަޅައިފައެވެ. އޭގެ ތެރެއިން 10،000 ވުރެ ގިނަ މީހުން ރީ-ރަޖިސްޓާކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.