ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އޭސީ މިލާނާއި ރޯމާގެ އިތުރުން ލިވަޕޫލާއި ބަޔާން ލެވަކޫސަންވެސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުވެސް 5-1 އިން ކާމިޔާބު ކޮށްފައި އޮވެ، ރޭ އަމިއްލަ ދަނޑުގައި ސްޕާޓާ ޕްރާގު ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. 11-2 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލުތައް ފުލުފުލުގައި ފެނިގެން ދިޔައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ހަތަރު ގޯލު ފެނިގެން ދިޔަ އިރު، އެ ގޯލުތައް ޖެހީ ޑާވިން ނުނިއޭޒާއި މުހައްމަދު ސަލާހްގެ އިތުރުން ބޮބީ ކްލާކް އަދި ކޯޑީ ގަކްޕޯއެވެ. ފުރަތަމަ ހާފުގައި ސްޕާޓާގެ ގޯލު ފެނިގެން ދިޔަ އިރު، އެޓީމުގެ ގޯލު ޖެހީ ވެލްޖޯ ބިރްމަންސެވިޗެވެ.
ދެވަނަ ހާފުގައި ގަކްޕޯގެ އިތުރުން ދެން ލިވަޕޫލަށް ގޯލު ޖަހައިދިނީ ޑޮމިނިކް ޒޮބޮސްލާއީއެވެ.
އޭސީ މިލާނުން ރޭ ރަށުން ބޭރުގައި ސްލާވިއާ ޕްރާގު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެގްރިގޭޓް 7-3 ގެ ނަތީޖާއަކުން މިލާނުން ގަދަ 16 ކާމިޔާބުކޮށް، ކުއާޓާ ފައިނަލް ޔަގީންކުރި އިރު، ރޭ މިލާނަށް ގޯލުތައް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗާއި ރުބެން ލޮފްޓަސް ޗީކްގެ އިތުރުން ރަފޭލް ލެއާއޯއެވެ. ފުރަތަމަ ހާފުގައި ސްލާވިއާގެ ތޯމަސް ހޯލްސްއަށް ރަތް ކާޑު ދެއްކި އިރު، އެޓީމުގެ ގޯލު ދެވަނަ ހާފުގައި ޖެހީ މަޓެޖް ޖުރަސެކެވެ.
ރޭ އެންމެ ޑްރާމާ ބޮޑުކޮށް ފެނުނީ ބަޔާން ލެވަކޫސަން ކުޅުނު މެޗެވެ. ލެވަކޫސަންއިން ގްރަބާގާ ދެކޮޅަށް ރޭ ކުޅުނު މެޗު، 3-2 އިން އަމިއްލަ ދަނޑުގައި ލެވަކޫސަންއިން ކާމިޔާބުކުރި އިރު، މެޗުގައި ލެވަކޫސަންގެ ފަހު ދެ ގޯލު ޖެހީ އިތުރު ވަގުތުގެ ތެރޭގައެވެ.
އެގްރިގޭޓް 5-4 އިން ލެވަކޫސަން ކުރި ހޯދި އިރު، މެޗުގައި ފުރަތަމަ ގްރަބާގުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. ދެވަނަ ހާފުގައި އެލްވިން ޖަފަރުގުލިޔޭވްއަށް ރަތް ކާޑު ދެއްކި އިރު، އެޓީމުގެ ގޯލުތައް ޖެހީ އަބްދުﷲ ޒުބައިރާއި ޖުނީނިއޯއެވެ. އަނެއްކޮޅުން ލެވަކޫސަން ނަތީޖާ އަނބުރާލީ ޖެރެމީ ފްރިމްޕޮންގާއި ޕެޓްރިކް ޝިކް ޖެހި ގޯލުތަކުންނެވެ.
ޝިކް ވަނީ 93 މިނެޓާއި 98 ވަނަ މިނެޓުގައި ގޯލު ޖަހައި، ތަފާތު ދައްކައިފައެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު