ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އަބްދުއް ލަތީފް ބަލޮޗް ނަމަކަށް ކިޔާ އެ މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން އޭނާއަށް ކުރަނީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން މިއަދު ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރުގައި ބަޔާންކޮށްފައިވަނީ ފުލުހުން ވަނީ އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުވާ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައި ކަމަށެވެ. އެގޮތުން ފުލުހުންނަށް އޭނާގެ ދަބަހުން ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަމުގެ ރިޕޯޓު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ.

އަބްދުއް ލަތީފް ބަލޮޗް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް އަމުރުގައިވެ އެވެ. އަމުރުގައި އިތުރަށް ބުނީ އޭނާގެ އަތުން ގިނަ އަދަދެއް މަސްތުވާތަކެތި ފެނިފައިވުމުގެ ސަބަބުން އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީ ކުރުމުގައި އުޅޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އޭނާއަކީ ޕާކިސްތާނަށް ނިސްބަތްވާ މީހަކަށްވުމުން ބަންދުން ދޫކޮށްލައިފިނަމަ ރާއްޖެއިން ފިލައިފާނެ ކަމުގެ އިހުތިމާލު އޮތް މީހެއް ކަމަށް އަމުރުގައިވެއެވެ.