އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެވެސް ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު، މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި އެ ބިލުގައި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާއި އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީ މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން
  • މެންބަރަކު އިންތިހާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުންކަމަށްވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މިހާކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެ ނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް، އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނަގައި، އެ ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމިކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން
  • އަމިއްލަގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން
  • ރައްޔިތުންގެ މަޖިލީހަށް މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު، އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން
  • މަޖިލީހަށް މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި، އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން

ރީކޯލް ވޯޓު ނެގުމަށް މެދުވެރިވާ ހާލަތްތަކުގައި 30 ދުވަހުގެ ތެރޭގައި ރީކޯލް ވޯޓު ނަގަންވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ރީކޯލް ވޯޓު ނަގަންވާނީ އެ މެމްބަރަކު ތަމްސީލުކުރާ އިދާރީ ދާއިރާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކަމަށް ބަޔާންކޮށްފައިވެއެވެ.

ރީކޯލް ވޯޓުގައި ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނެ ކަމަށް ނިންމައިފި ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކަށް އަންގާ ދުވަހުން އެ މީހަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އެންޓި ޑިފެކްޝަން ބިލުގެ މަގުސަދަކީ މަޖިލީހުގެ މެމްބަރުންނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރެއްގައި ދެމި ތިބޭ ބައެއްކަން ކަށަވަރުކުރުން ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ، އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއް ކަމަށް ހެދުމަކީ ވެސް އެންޓި ޑިފެކްޝަން ބިލުގެ މަގުސަދެކެވެ.