ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުން ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ހިލޭ ދޭން ނިންމާފައިވާ ކާޑުގެ ބާވަތްތައް (ހަނޑޫ އަދި ފުށް) އިއްޔެއިން ފެށިގެން މިއަދުގެ މެންދުރު 12:00 އާ ހަމައަށް މާލެ ސިޓީގެ 5200 އަށްވުރެ ގިނަ ގޭބިސީއަކަށް ދޫކުރި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މިހާރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބެލުމުގެ ދަށުން ދޫކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ ހެނދުނު 10:00 އިން ފެށިގެން މިއަދު މެންދުރު 12:00ގެ ނިޔަލަށް 5297 ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު ކާޑު ދޫނުކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
- ސޯޝަލް ސެންޓަރު: 1020 ގޭބިސީއަށް
- ގަލޮޅު ދަނޑު: 1135 ގޭބިސީއަށް
- އާންމު ހިދުމަތްތަކާ ބެހޭ މަރުކަޒު (މާލެ ސިޓީ ކައުންސިލް): 632 ގޭބިސީއަށް
- ބިއްރި މިސްކިތު ހޯލު (ވިލިމާލެ): 452 ގޭބިސީއަށް
- އުމަރުޒާހިރު ބިލްޑިން (ފޭސް-1): 782 ގޭބިސީއަށް
- ހިޔާ ޓަވަރު 10ގެ ޔޫތު ސެންޓަރު: 1276 ގޭބިސީއަށް
ސިޓީ ކައުންސިލުން ބުނީ ފޭސް ދޭއްގެ ހިޔާ ޓަވަރު 10ގެ ޔޫތު ސެންޓަރުން ދޫކުރަމުންދިޔަ ކާޑުގެ ބާވަތްތައް މިރެއިން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވަނީ ވިނަރެސް ޓަވަރުގެ 10 އިން ކަމަށެވެ.
އެސްޓީއޯ އިން އިއްޔެ ބުނެފައިވަނީ އެކަމަށް އެކަށޭނަ މުދާ، އެތެރެކޮށް ގުދަންކޮށް އަދި އޭގެ އިތުރުން ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަނޑޫ އަދި ފުށް ދޫކުރާނެ ކަމަށެވެ.
އެކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކޮށް ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިން ކަމަށާއި މާލޭ ސަރަހައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ.
ރަށްރަށަށް ގެންދާ މުދާ ދޯނިތަކަށް ބަރުކުރަން ފެށީ މިދިޔަ ބުދަ ދުވަހު ކަމަށާއި އަދި އެ މުދާ ގޭބީސީތަކަށް ދޫކުރާނީ ރަށު ކައުންސިލުން ކަމަށެވެ. ސަރުކާރުން ހަދިޔާ ކުރާ ހަނޑޫ އަދި ފުށް ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
އެގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކަމަށާއި ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންނަންވާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
ރަމަޟާން މަހު ކާޑު ދޫކުރާ ގަޑިތަކަކީ، ހެނދުނު 9:00 އިން މެންދުރު 1:00ގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު