ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ޖަވާބުދާރީވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އެންގި މައްސަލަ އެ ބޭންކުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސޮއިކުރެއްވި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށް ހިފަހައްޓާފއިވާތީ، ބީއެމްއެލްގެ މައްޗަށް ސިވިލް ކޯޓުގައި ޔާމީން ކުރި ދައުވާއާ ގުޅޭ މައްސަލައެކެވެ.

މި މައްސަލައިގައި ޔާމީންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ، އެ އެއް މިލިއަން ޑޮލަރު ބޭންކުން ހިފަހައްޓާފައިވަނީ އެސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާދިނުމަށް ބީއެމްއެލްއަށް އެންގުމަށެވެ.

މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށްބުނެ ބީއެމްއެލުން ވަނީ ސިވިލްކޯޓުގައި މައްސަލައަށް އިއުތިރާޒު ކޮށްފައެވެ.

ބީއެމްއެލުން ބުނީ އެ ބޭންކަކީ އެ މައްސަލައިގެ ބައިވެރިއެއް ނޫން ކަމަށްބުނެ ހުށަހެޅީ އިއުތިރާޒެއް ކަމަށެވެ. ތަހުގީގުގެ ބޭނުމަށް އޭސީސީން އެދިގެން އެ ފައިސާ ޖަމާކޮށްފައިވަނީ އެ ކޮމިޝަނުގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް ކަރަންޓު އެކައުންޓަކަށް ކަން ބޭންކުން ފާހަގަކުރިއެވެ. އެހެންވެ އެ ދައުވާ ރައްދު ވާން ޖެހޭނީ ހަމައެކަނި އޭސީސީއަށް ކަމަށް ބޭންކުން ބުނެފައިވެއެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ ބީއެމްއެލްގެ އިއުތިރާޒް ބަލައިނުގަތުމަށެވެ. އަދި ސިވިލް ކޯޓަށް އެ ބޭންކު ވެސް ހިމެނޭ ގޮތަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ މައުލޫއަށް ޖަވާބުދާރީވުމަށް ސިވިލް ކޯޓުން ވަނީ ބީއެމްއެލްއަށް އަންގައިފައެވެ.