މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ކުރިއަސް ގެންގޮސްފިއެވެ.
"ސަޅި ހުޅުލެ" ގެ ނަމުގައި މުޅި ހުޅުލެ ސާފުކުރުމުގެ ކެމްޕެއިން ކުރިޔަށް ގެންދިޔައީ މިއަދު ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެ ކެންޕެއިން ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.
އެ ހަރަކާތް ކުރިޔަށް ގެންދިޔައީ ހުޅުލޭގެ މައިގަނޑު ނުވަ ދިމާލަކަށް ޓީމްތައް ބަހާލައިގެން ކަމަށާއި އެ ހަރަކާތުގެ މަގުސަދަކީ މުޅި ހުޅުލެ އެއްކޮށް ސާފުކުރުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ހުޅުލެ ސާފުކުރުމަށް ފެއްޓި ކެމްޕެނުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ބޭއްވުން ކަމަށެވެ.
ހުޅުލެ ސާފުކުރުމުގެ އެ ކެމްޕެއިނުގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެ ހަރަކާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މޯލްޑިވް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވެސް ވަނީ ބައިވެރިވެފައެވެ.
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު ސާފުކޮށް ބޭއްވުމަށް އެމްއޭސީއެލުން މީގެ ކުރިންވެސް ވަނީ މިފަދަ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު